ކުއްލި ޚަބަރު

ރާއްޖޭގައި ކޮވިޑަށް ފަރުވާދެމުން އަންނަ އެންމެންގެ ހާލު ރަނގަޅު: މަބްރޫކް

ރާއްޖޭގައި ކޮވިޑް 19އަށް ފަރުވާދެމުން އަންނަ އެންމެންގެ ހާލު ރަނގަޅު ކަމަށް ކޮވިޑް 19އާ ގުޅޭ މައުލޫމާތުދިނުމަށް ސަރުކާރުން ކަނޑައެޅި ތަރުޖަމާނު މުހައްމަދު މަބްރޫކު އަބްދުލް އަޒީޒު ވިދާޅުވެއްޖެއެވެ.

ކޮވިޑަށް ޕޮޒިޓިވްވެގެން މިހާރު ފަރުވާދެމުން އަންނަނީ 16 ދިވެއްސަކަށެވެ. އޭގެ ތެރޭގައި ހިމެނެނީ ރާއްޖެއިން ބޭރުން އައި ދެ ދިވެއްސަކާއި މާލެއިން ޕޮޒިޓިވްވި 14 ދިވެއްސެކެވެ.

"ރާއްޖޭގައި މިވަގުތު ފަރުވާދެމުން އަންނަ 16 މީހުންގެ ހާލު ރަނގަޅު،" ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެންއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މަބްރޫކު ވިދާޅުވިއެވެ.

މަބްރޫކު ވިދާޅުވީ އައިސޮލޭޝަން ފެސިލިޓީތަކުގައި މިވަގުތު ޖުމްލަ 65 މީހަކު އެބަތިބި ކަމަށާއި ކަރަންޓީނު ފެސިލިޓީތަކުގައި 1081 މީހަކު އެބަތިބި ކަމަށެވެ. އަދި ކަރަންޓީނު ފެސިލިޓީތަކުން ދޫކޮށްލުމަށްޓަކައި 189 މީހެއްގެ ސާމްޕަލް މިހާރު ނެގިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.