ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި، ރައްކާތެރިކަމަށްޓަކައި އަޅަމުން އަންނަ ފިޔަވަޅުތަކުގެ ތެރެއިން ޖަލުތަކުގައި ހުކުމް ތަންފީޒުކުރަމުން އަންނަ 105 މީހަކަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު އަދަބު ލުއިކޮށްދެއްވައިފި އެވެ.
ހޯމް މިނިސްޓްރީން ނެރުނު ނޫސް ބަޔާނެއްގައި ބުނީ، އެމީހުންގެ އަދަބު ލުއިކޮށްދޭން ރައީސުލްޖުމްހޫރިއްޔާ ނިންމެވީ ކޮވިޑް 19ގެ ބިރު ރާއްޖެއަށް އިންތިހާއަށް ކުރިމަތިވެފައިވާ މިދަނޑިވަޅުގައި ޖަލުތަކުގައި ބަންދުކޮށްފައި ތިބި ގައިދީންނާއި ބަންދު މީހުންނާއި ރާއްޖޭގެ ޖަލުތައް ބެލެހެއްޓުމާއި ގައިދީންނާއި ބަންދުމީހުންނާ ގުޅުންހުރި ކަންކަމުގައި މަސައްކަތްކުރާ އެންމެހޭ މުވައްޒަފުންގެ ސިއްހީ ރައްކާތެރިކަމަށްޓަކައި ކަމަށެވެ.
އެގޮތުން އެމީހުންގެ އަދަބު ލުއިކޮށްދެއްވުމަށް ރިއާޔަތްކޮށްފައިވަނީ މާފުދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ގާނޫނުގައި ބަޔާންވެގެންވާ ހަމަތަކަށާއި ހުކުމް ތަންފީޒުކުރަމުން އަންނަ މީހުން ރިހިބިލިޓޭޓްކޮށް އަލުން އަނބުރާ މުޖުތަމައުއަށް ނެރުމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ފަރާތުން ހިންގާ ޕްރޮގްރާމްތަކުގައި ބައިވެރިވެ އެ ޕްރޮގްރާމްތަކުން ނެރެފައިވާ ނަތިޖާއަށް ކަމަށެވެ.
އޭގެ އިތުރުން ސިއްހީ ކުއްލި ނުރައްކަލުގެ މިހާލަތުގައި އަދަބު ލުއިކޮށްދެވުނު މީހުން ދިރިއުޅެން ހުރިތަންތަނުގެ ހާލަތަށާއި އެމީހުންގެ ފަރާޓުން މުޖުތަމައުއަށް ނުރައްކާ އޮތް މިންވަރަށާއި އަދި އެ ފަރާތްތަކުން ކޮށްފައިވާ ކުށުގެ ބާވަތަށާއި ވަށައިގެންވާ އެހެނިހެން ކަންކަމަށް ވެސް ރިއާޔަތްކޮށްފައިވާނެ ކަމަށް ކަމަށް ހޯމް މިނިސްޓްރީގެ ބަޔާނުގައިވެއެވެ.
ހޯމް މިނިސްޓްރީގެ ބަޔާނުގައި އިތުރަށް ބުނީ، ސަރުކާރުގެ މި ފިޔަވަޅަކީ އަނިޔާކުރުމާއި ދަށުދަރަޖައިގެ ލާއިންސާނީ އަމަލުތައް ހުއްޓުވުމާ ގުޅޭ އދ.ގެ ސަބްކޮމެޓީ (އެސްޕީޓީ) އިން، އަނިޔާކުރުމާއި ދަށުދަރަޖައިގެ ލާއިންސާނީ އަމަލުތައް ހުއްޓުވުމާ ގުޅޭ ބައިނަލްއަގްވާމީ މުއާހަދާގައި ބައިވެރިވެފައިވާ ގައުމުތަކަށް ކޮވިޑް 19ގެ ހާލަތާ ގުޅޭގޮތުން ދީފައިވާ ލަފަޔާއި އިންޓަނޭޝަނަލް ކޮމިޓީ އޮފް ދި ރެޑް ކްރޮސް (އައިސީއާރުސީ) އިން އެ މިނިސްޓްރީއަށް ދީފައިވާ އިރުޝާދާއި މަސްތުވާތަކެއްޗާއި ރާވައިގެން ހިންގާ ބޮޑެތިކުށްތަކާ ބެހޭ އދ.ގެ އޮފީސް، ޔޫއެންއޯޑީސީ އިން ނެރެފައިވާ ގައިޑްލައިނަށް ރިއާޔަތްކޮށްގެން އެޅި ފިޔަވަޅެއް ކަމަށެވެ.