ކުއްލި ޚަބަރު

ނޭޕާލް އަދި ބަންގުލަދޭޝްގައި ތިބި ދިވެހި ދަރިވަރުން ރާއްޖެއަށް ގެންނަނީ

ނޭޕާލް އަދި ބަންގްލަދޭޝްގައި ކިޔަވަން ތިބި ދިވެހި ދަރިވަރުންގެ ތެރެއަށް ރާއްޖެއަށް އައުމަށް ސަރުކާރުގެ އެހީތެރިކަމަށް އެދިފައިވާ ދަރިވަރުން ރާއްޖެ ގެނައުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ދިވެހި ސަރުކާރުން ބުނެފިއެވެ.

ފޮރިން މިނިސްޓްރީން ބުނީ، އަންނަ ހޯމަ ދުވަހު ރާއްޖެއަށް ގެނައުމަށް މަސައްކަތް ކުރަމުން އަންނަނީ ނޭޕާލުގައި ތިބި 18 ދިވެހިންނާއި ބަންގްލަދޭޝްގައި ތިބި 51 ދިވެހިން ކަމަށެވެ. މި މީހުން ރާއްޖެއަށް ގެންނަނީ ދިވެހި ސަރުކާރާ ބަންގުލަދޭޝްގެ ސަރުކާރާއެކު ކުރެވުނު މަޝްވަރާތަކަށްފަހު، އެޤައުމުގެ އަސްކަރީ މަތިންދާ ބޯޓެއްގައި

ފޮރިން މިނިސްޓްރީން ބުނީ، އެ ފްލައިޓުން ރާއްޖެއަށް ގެނައުމަށްޓަކައި، ނޭޕާލުގައި ތިބި 18 ދިވެހިން މާދަމާ ނޭޕާލުން ބަންގުލަދޭޝްގެ ވެރިރަށް ޑާކާއަށް ދަތުރުކުރާނެ ކަމަށާއި އަދި އެ ފްލައިޓުން ރާއްޖެއަށް އަންނަ ދިވެހިން ތިބީ ބަންގުލަދޭޝްގެ އެކި ހިސާބުތަކުގައި ކަމުން، އެމީހުން ވެރިރަށް ޑާކާއަށް ގެންދިއުމުގެ މަސައްކަތް އިއްޔެއިން ފެށިގެން ބަންގުލަދޭޝްގެ އަސްކަރިއްޔާއިން ކުރަމުން އަންނަ ކަމަށެވެ.

އޭގެ އިތުރުން ބަންގުލަދޭޝުން އަންނަ ފްލައިޓުގައި ރާއްޖެއިން ކޮވިޑް 19އާ ދެކޮޅަށް ކުރާ މަސައްކަތުގައި އެހީތެރިވުމަށް 10 މެންބަރުންގެ މައްޗަށް އެކުލެވޭ މެޑިކަލް ޓީމެއް ވެސް ރާއްޖެއަށް އަންނާނެ ކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ.

ބަންގުލަދޭޝް އާއި ނޭޕާލްގައި ތިބި ދިވެހިން ރާއްޖެ ގެނައުމުގެ ކަންކަން ހަމަޖެހިގެން ގޮސްފައިވާއިރު އެކަމަށް މަގުފަހިކުރުމަށްޓަކައި ބަންގުލަދޭޝްގެ ސަރުކާރާ ދިވެހި ސަރުކާރާ ދެމެދު ގިނަ މަޝްވަރާތަކެއް ވަނީ ކޮށްފައެވެ. އެގޮތުން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވަނީ ބަންގުލަދޭޝްގެ ފޮރިން މިނިސްޓަރަށް ދެ ފަހަރެއްގެ މަތިން ގުޅުއްވައި، މަޝްވަރާކުރައްވާފައިވެއެވެ.