މުޅި ރާއްޖެ ލޮކްޑައުންކޮށްފައި ވަނިކޮށް ރިސޯޓަކުން މުވައްޒަފުން ގޮވައިގެން އައްޑޫ ސިޓީއަށް ދިޔަ ލޯންޗެއްގެ ކެޕްޓަނު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ ކޮވިޑް 19އާ ގުޅިގެން މުޅި ރާއްޖެ އެއްކޮ ލޮކްޑައުންކޮށްފައިވާ ދަނޑިވަޅެއްގައި ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ އެންގުމާ ހިލާފަށް ރިސޯޓަކުން މުވައްޒަފުން ގޮވައިގެން ލޯންޗެއް މިއަދު އައްޑޫ ސިޓީއަށް ދަތުރުކޮށްފައިވާ ކަމަށެވެ.
ދައުލަތުގެ އެއްވެސް އިދާރާއަކުން ނަގަންޖެހޭ ހުއްދަ ނުނަގައި ރިސޯޓަކުން މުވައްޒަފުން ގޮވައިގެން މިއަދު ހެނދުނު 8:15ގައި އައްޑޫ ސިޓީ ހިތަދުއަށް ދަތުރުކޮށްފައިވާ ލޯންޗެއްގެ ކެޕްޓަން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށާއި އެ މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށް ފުލުހުން މައުލޫމާތުދެއެވެ.
އެކަމާ ގުޅޭގޮތުން އައްޑޫ ސިޓީގެ މޭޔަރު އަބްދުﷲ ސޯދިގު (ސޯބެ) ވިދާޅުވީ ޒަރޫރީ ބޭނުމަށް އައްޑުއަށް ދަތުރުކުރާ ފަރާތްތަކުން އެޗްޕީއޭ އިން ހުއްދަ ހޯދައިގެން ދަތުރުކުރުމަށް އިލްތިމާސްކުރާ ކަމަށާއި ހުއްދަ ނުހޯދައި މިއަދު އައްޑުއަށް އައި ލޯންޗަށް ހުއްދަ ހޯދަން އަންގައި ހުއްދަ ލިބުމުން މިހާރު ކްލިއަރެންސް ދީފައިވާ ކަމަށެވެ. އަދި ހުއްދަ ލިބިގެން އަންނަ ލޯންޗުތަކަށް އައްޑުއަށް ކައިރިކުރަން ހަމަޖެހިފައިވަނީ ގަން ދޫގަސް ޖެޓީއަށް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
މުޅި ރާއްޖެ ލޮކްޑައުންކޮށްފައިވަނީ އިއްޔެ އިން ފެށިގެންނެވެ. ކޮވިޑް 19 އިން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އެއް ރަށުން އަނެއް ރަށަށް ދަތުރުކުރުން މަނާކޮށް މުޅި ރާއްޖެ ލޮކްޑައުންފައިވަނީ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގައި ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ލިބިގެންވާ ބާރުގެ ދަށުންނެވެ.