މާލެއިން އިތުރު ދިވެއްސަކު ކޮވިޑް 19 އަށް ޕޮޒިޓިވްވެ، މާލެއިން ބަލި ޖެހުނު މީހުންގެ އަދަދު 14 އަށް އިތުރުވެއްޖެއެވެ.
ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން މިއަދު ކުރި ޓުވީޓެއްގައި ބުނީ، މާލެއިން ބަލި ޖެހުނު 14 ވަނަ މީހާއަކީ ކޮވިޑް 19 އަށް ޕޮޒިޓިވްވި ކޭސް 27އާ ސީދާ ބައްދަލުވެފައިވާ މީހެއް ކަމަށެވެ. އަދި އޭނާގެ ކިބައިން ބަލީގެ އަލާމާތްތައް ފެނުމުން ހެދި ޓެސްޓުގެ ނަތީޖާ ޕޮޒިޓިވްވެފައިވާތީ، އެމީހާ އައިސޮލޭޝަން ފެސިލިޓީއަކަށް ބަދަލުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެޗްޕީއޭ އިން މައުލޫމާތުދެއެވެ.
މާލެއިން މިއަދު އެކަނި ވެސް ހަ މީހަކު ކޮވިޑް 19 އަށް ޕޮޒިޓިވް ވެފައިވާއިރު 14 ވަނަ އަށް ޕޮޒިޓިވްވި މީހާއާއެކު ކޭސް 27 އާ ސީދާ ބައްދަލުވި މީހުންގެ ތެރެއިން ތިން މީހަކު ވަނީ ބައްޔަށް ޕޮޒިޓިވްވެފައެވެ.
މާލެއިން ކޮވިޑް 19 އަށް ޕޮޒިޓިވްވެފައިވާ މީހުންގެ އަދަދު މިހާރު 14އަށް އަރާފައިވާއިރު، ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު މިހާރު ވަނީ 34 އަށް އަރައިފައެވެ. މާލެއިން ކޮވިޑަށް މީހަކު ފުރަތަމަ ޕޮޒިޓިވްވީ މިދިޔަ ބުދަ ދުވަހުއެވެ. ޕޮޒިޓިވްވި އެ އަންހެން މީހާ (ކޭސް 21)ގެ ތުއްތު ދަރިފުޅު (ކޭސް 22) ވެސް ކޮވިޑަށް ޕޮޒިޓިވްވިކަން އެދުވަހު އެނގުނެވެ.
މުޖުތަމައު ތެރެއަށް ކޮވިޑް 19 ފެތުރުމާ ގުޅިގެން މިދިޔަ ބުދަ ދުވަހު މާލެ ލޮކްޑައުން ކުރުމަށްފަހު އެ މުއްދަތު މިހާރު 14 ދުވަހަށް އިތުރުކޮށްފައިވާ އިރު، މިހާރު ވަނީ މުޅި ރާއްޖެ ވެސް ލޮކްޑައުންކޮށްފައެވެ.