ކޮވިޑް 19 ޖެހިފައިވާ އިތުރު މީހަކު މާލެއިން ފެނި، މާލެއިން އެބަލި ޖެހިފައިވާ މީހުންގެ އަދަދު 13 އަށް އަރައިފިއެވެ.
ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން މިއަދު ބުނީ 13 ވަނަ މީހާއަކީ ކޮވިޑް 19އަށް ޕޮޒިޓިވްވި ކޭސް 28އާ ސީދާ ބައްދަލުވެފައިވާ މީހެއް ކަމަށެވެ. އަދި އޭނާގެ ކިބައިން ބަލީގެ އަލާމާތްތައް ފެނުމުން ހެދި ޓެސްޓުގެ ނަތީޖާ ޕޮޒިޓިވް ވެފައިވާތީ އައިސޮލޭޝަން ފެސިލިޓީއަކަށް ބަދަލުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެޗްޕީއޭ އިން ބުނެއެވެ.
ކޭސް 28އާ ސީދާ ބައްދަލުވެފައިވާ މީހަކު ކޮވިޑް 19 އަށް ޕޮޒިޓިވްވިއިރު މިއީ އޭނާއާ ބައްދަލުވި މީހުންގެ ތެރެއިން މިއަދު ބައްޔަށް ޕޮޒިޓިވްވި ދެވަނަ މީހާއެވެ.
މާލެއިން ކޮވިޑް 19 ޖެހިފައިވާ 13 މީހަކު ފެނިފައިވާއިރު އެ މީހުންނާއެކު ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 33 އަށް އަރައިފައެވެ. މާލެއިން ކޮވިޑް 19 އަށް މީހަކު ފުރަތަމަ ޕޮޒިޓިވްވީ މިދިޔަ ބުދަ ދުވަހުއެވެ. ޕޮޒިޓިވްވި ފުރަތަމަ މީހާ (ކޭސް 21)ގެ ތުއްތު ދަރިފުޅު (ކޭސް 22) ވެސް ކޮވިޑަށް ޕޮޒިޓިވްވިކަން އެދުވަހު އެނގުނެވެ.
މުޖުތަމައު ތެރެއަށް ކޮވިޑް 19 ފެތުރުމާ ގުޅިގެން މިދިޔަ ބުދަ ދުވަހު މާލެ ލޮކްޑައުން ކުރުމަށްފަހު އެ މުއްދަތު މިހާރު 14 ދުވަހަށް އިތުރުކޮށްފައިވާއިރު، މިހާރު ވަނީ މުޅި ރާއްޖެ ވަނީ ލޮކްޑައުން ކޮށްފައެވެ. އަދި މުޖުތަމައުގެ ތެރޭގައި ބަލި ފެތުރޭކަމަށް ކަނޑައަޅައި މާލޭގެ އެލާޓް ލެވެލް ވަނީ ރަތަށް މަތިކޮށްފައެވެ.