ދުނިޔެ

މިހާތަނަށް ކޮވިޑް-19ގެ އެއްވެސް ކޭސްއެއް ރިޕޯޓުކޮށްފައި ނުވާ ގައުމުތައް

މުހައްމަދު އައުޒަމް

ދުނިޔޭގެ އެކި ގައުމުތަކުގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 ގެ އެއްވެސް ކޭސްއެއް މިހާތަނަށް ރިޕޯޓު ނުކުރާ ގައުމުތަކެއްވެސް ދުނިޔޭގައި އެބަހުއްޓެވެ. ނަމަވެސް އެ ގައުމުތަކުން ކޮވިޑް-19 ގެ ކޭސްއެއް ނުފެނުން މިއީ މިގައުމުތަކަކީ އެންމެ ރައްކާތެރި ގައުމުތަކެއްގެ ގޮތުގައި ކަނޑައެޅޭނެ ސަބަބެއް ނޫނެވެ.

ކޮވިޑް-19 ގެ ނުރައްކާ ބޮޑުވެ ގައުމުތަކުން މިވަނީ ކުއްލި ހާލަތު އިއުލާންކޮށް ރައްޔިތުން މި ވައިރަހުން ރައްކާތެރިކުރުމަށް ކުރެވެން ހުރި ހުރިހާކަމެއް ކުރަން ފަށާފައެވެ. ކޮވިޑް-19 ހަލުވިކޮށް ފެތުރި މިހާރު ދުނިޔޭގެ 185 ގައުމަކުން ވަނީ މިވައިރަސް ފެނިފައެވެ.

މިދިޔަ އަހަރުގެ ފަހުކޮޅު ޗައިނާއިން ފެނި މުޅި ދުނިޔެއަށް ފެތުރިފައިވާ މިވައިރަސްގެ އެއްވެސް ކޭސްއެއް ނުފެންނަ ގައުމުތަކެއް ވާކަން މިއީ ހައިރާން ކުރުވަނިވި ކަމަކަށްވެސް ވެދާނެ އެވެ. ނަމަވެސް ޖޯން ހޮޕްކިންސް ޔުނިވާސިޓީން އެއްކުރަމުން އަންނަ މައުލޫމާތުތަކުގައި ކޮވިޑް-19ގެ އެއްވެސް ކޭސްއެއް މިހާތަނަށް ރިޕޯޓު ނުކުރާ ގައުމުތަކެއް ވަނީ ފާހަގަކޮށްއެވެ.

ކޮވިޑް-19ގެ ކޭސްއެއް ރިޕޯޓުކޮށްފައި ނުވާ ގައުމުތައް:

  • ކޮމޮރޮސް
  • ކިރިބަތި
  • ލެސޯތޯ
  • މާޝަލް އައިލެންޑްސް
  • މިކްއޮނީޝިއާ
  • ނައުރޫ
  • ނޯތް ކޮރެއާ
  • ޕަލާއު
  • ސަމޯއާ
  • ސާއު ޓޮމޭ އެންޑް ޕްރިންސިޕް
  • ސޮލޮމޮން އައިލެންޑްސް
  • ތަޖްކިސްތާން
  • ޓޮންގާ
  • ތުރުކަމިނިސްތާން
  • ތުވާލު
  • ވަނުއާޓު

މިއީ ކޮވިޑް-19ގެ ކޭސްއެއް ފެނުނުކަމަށް ރިޕޯޓު ނުކުރާ ގައުމުތަކަށް ވުމަކީ އެގައުމުގައި ކޮވިޑް-19 ގެ އަސަރު ނެތް ކަމަށް ނިންމޭނެ ސަބަބެއް ވެސް ނޫނެވެ. އަދި އަޅާފައިވާ ފިޔަވަޅުތަކުގެ ވަރުގަދަކަމުން އެއްވެސް ކޭސްއެއް އަދި ނުފެނުމަކީވެސް ވެދާނެ ކަމެކެވެ. އަދި ހަމަ އެހެންމެ މިގައުމުތަކުގައި މިވައިރަސް ޖެހިފައިވާކަން ސިއްރު ކުރުމަކީވެސް ހަމަ ވެދާނެ ކަމެކެވެ.

ދުނިޔޭގެ ގިނަ ގައުމުތަކަށް ކޮވިޑް ފެތުރިފައިވާ އިރު ރާއްޖޭގައިވެސް މި ބަލި މިހާރު ވަނީ މުޖުތަމައު ތެރެޔަށް ފެތުރިފަ އެވެ.