ކުއްލި ޚަބަރު

މާލެއިން އަނެއްކާވެސް އިތުރު މީހަކަށް ކޮވިޑް ޖެހި އަދަދު 11 އަށް

މަރިޔަމް ޝަހުދާ

ކޮވިޑް ޖެހިފައިވާ އިތުރު މީހަކު ފެނި މާލެއިން މި ބަލި ޖެހުނު މީހުންގެ އަދަދު 11 އަށް އަރައިފި އެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ، އެޗްޕީއޭ އިން ކުރި ޓުވީޓެއްގައި ބުނެފައިވަނީ ކޮވިޑް 19 އަށް މާލެއިން ޕޮޒިޓިވްވި 11 ވަނަ މީހާއަކީ ޕޭޝަންޓް 28ގެ ޑައިރެކްޓް ކޮންޓެކްޓެއް ކަމަށެވެ. އަދި ޓެސްޓު ކުރި އިރު މި މީހާގެ ފަރާތުންވެސް ބަލީގެ އަލާމާތްތައް ފެނިފައިވާ ކަމަށް އެޗްޕީއޭއިން ބުނެއެވެ.

ޕޮޒިޓިވް ވި މީހާ އައިސޮލޭޝަން ފެސިލިޓީއަކަށް ބަދަލުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އެޗްޕީއޭ އިން ބުނެއެވެ.

މާލެއިން ކޮވިޑް 19 އަށް ޕޮޒިޓިވް ވެފައިވާ މީހުންގެ އަދަދު 11 އަށް އަރާފައިވާ އިރު، ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވް ވި މީހުންގެ އަދަދު ވަނީ މި ވަނީ 31 އަށް އަރައިފައެވެ. މިހާތަނަށް މާލެއިން ކޮވިޑް 19 އަށް ޕޮޒިޓިވްވެފައި ވަނީ ހުސް ދިވެހިންނެވެ.

މާލެއިން ކޮވިޑް 19 އަށް މީހަކު ފުރަތަމަ ޕޮޒިޓިވް ވީ މިދިޔަ ބުދަ ދުވަހުއެވެ. ޕޮޒިޓިވްވި އެ އަންހެން މީހާ (ކޭސް 21) ގެ ތުއްތު ދަރިފުޅު (ކޭސް 22) ވެސް ކޮވިޑަށް ޕޮޒިޓިވްވިކަން އެދުވަހު އެނގުނެވެ.

މުޖުތަމައު ތެރެއަށް ކޮވިޑް 19 ފެތުރުމާ ގުޅިގެން މިދިޔަ ބުދަ ދުވަހު މާލެ ލޮކްޑައުން ކުރުމަށްފަހު އެ މުއްދަތު މިހާރު 14 ދުވަހަށް އިތުރުކޮށްފައިވާ އިރު، މިހާރު ވަނީ މުޅި ރާއްޖެ ވެސް ލޮކްޑައުންކޮށްފައެވެ.