ކޮވިޑް ޖެހިފައިވާ އިތުރު މީހަކު ފެނި މާލެއިން މި ބަލި ޖެހުނު މީހުންގެ އަދަދު 10 އަށް އަރައިފި އެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މީގެ ކުޑަ އިރުކޮޅެއް ކުރިން ކުރި ޓުވީޓެއްގައި ބުނެފައި ވަނީ މި މީހާ އަކީ ޕޭޝަންޓް 27 އާއި ޑައިރެކްޓް ކޮންޓެކްޓުވި މީހެއް ކަމަށެވެ. އަދި އެމީހާ ޓެސްޓު ކޮށްފައިވަނީ އެމީހާގެ ފަރާތުން ބަލީގެ އަލާމާތްތައް ފެނިގެން ކަމަށް އެޗްޕީއޭއިން ބުނެއެވެ.
ޕޮޒިޓިވް ވި މީހާ އައިސޮލޭޝަން ފެސިލިޓީއަކަށް ބަދަލުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އެޗްޕީއޭ އިން ބުނެއެވެ.
މާލެއިން ކޮވިޑް 19 އަށް ޕޮޒިޓިވްވެފައިވާ މީހުންގެ އަދަދު 10 އަކަށް އަރާފައިވާ އިރު، ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 30 އަށް އަރައިފައެވެ. އޭގެ ތެރެއިން 16 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ. ދެ މީހަކު ޕޮޒިޓިވްވިކަން އެނގުނީ އެމީހުން ރާއްޖެއިން ފުރި ފަހުންނެވެ. ރާއްޖޭގައި މިހާރު ކޮވިޑަށް ފަރުވާދެމުން އަންނަނީ 12 ދިވެއްސަކަށެވެ.
މާލެއިން ކޮވިޑް 19 އަށް މީހަކު ފުރަތަމަ ޕޮޒިޓިވްވީ މިދިޔަ ބުދަ ދުވަހުއެވެ. ޕޮޒިޓިވްވި އެ އަންހެން މީހާ (ކޭސް 21) ގެ ތުއްތު ދަރިފުޅު (ކޭސް 22) ވެސް ކޮވިޑަށް ޕޮޒިޓިވްވިކަން އެދުވަހު އެނގުނެވެ.
މުޖުތަމައު ތެރެއަށް ކޮވިޑް 19 ފެތުރުމާ ގުޅިގެން މިދިޔަ ބުދަ ދުވަހު މާލެ ލޮކްޑައުން ކުރުމަށްފަހު އެ މުއްދަތު މިހާރު 14 ދުވަހަށް އިތުރުކޮށްފައިވާ އިރު، މިހާރު ވަނީ މުޅި ރާއްޖެ ވެސް ލޮކްޑައުންކޮށްފައެވެ.