ކުއްލި ޚަބަރު

މާލެއިން ނުވަވަނަ މީހަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެ

މާލެއިން ނުވަވަނަ މީހަކު ކޮވިޑް 19އަށް ޕޮޒިޓިވްވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިރޭ ކުރި ޓުވީޓެއްގައި ބުނީ އެމީހާއަކީ މާލެއިން ބައްޔަށް ޕޮޒިޓިވްވި ހަތްވަނަ މީހާއާ ސީދާ ބައްދަލުވެފައިވާ މީހެއް ކަމަށެވެ.

އެމީހާ ޕޮޒިޓިވްވުމާ ގުޅިގެން އޭނާ އައިސޮލޭޝަން ފެސިލިޓީއަކަށް ބަދަލުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އެޗްޕީއޭ އިން ބުނެއެވެ.

މާލެއިން ކޮވިޑް 19 އަށް ޕޮޒިޓިވްވެފައިވާ މީހުންގެ އަދަދު ނުވަޔަކަށް އަރާފައިވާ އިރު، ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 29 އަށް އަރައިފައެވެ. އޭގެ ތެރެއިން 16 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ. ދެ މީހަކު ޕޮޒިޓިވްވިކަން އެނގުނީ އެމީހުން ރާއްޖެއިން ފުރި ފަހުންނެވެ. ރާއްޖޭގައި މިހާރު ކޮވިޑަށް ފަރުވާދެމުން އަންނަނީ 11 ދިވެއްސަކަށެވެ.

މާލެއިން ކޮވިޑް 19 އަށް މީހަކު ފުރަތަމަ ޕޮޒިޓިވްވީ މިދިޔަ ބުދަ ދުވަހުއެވެ. ޕޮޒިޓިވްވި އެ އަންހެން މީހާ (ކޭސް 21) ގެ ތުއްތު ދަރިފުޅުު (ކޭސް 22) ވެސް ކޮވިޑަށް ޕޮޒިޓިވްވިކަން އެދުވަހު އެނގުނެވެ.

މުޖުތަމައު ތެރެއަށް ކޮވިޑް 19 ފެތުރުމާ ގުޅިގެން މިދިޔަ ބުދަ ދުވަހު މާލެ ލޮކްޑައުން ކުރުމަށްފަހު އެ މުއްދަތު މިހާރު 14 ދުވަހަށް އިތުރުކޮށްފައިވާ އިރު، މިހާރު ވަނީ މުޅި ރާއްޖެ ވެސް ލޮކްޑައުންކޮށްފައެވެ.