ތިނަދޫ މަސް ދޯންޏަކުން އެން ހިފަން ފޭބައިގެން އުޅެނިކޮށް ގެއްލިގެން ހޯދަމުންދާ ޒުވާނާ މަރުވެފައި އޮއްވާ ފެނިއްޖެއެވެ.
މިރޭ 8:12 ގައި އެމްއެންޑީއެފަށް ރިޕޯޓްކުރި އެ ހާދިސާގައި ގެއްލިގެން ހޯދަމުންދިޔައީ ގދ. ކޮނޮއްޓޯ މޯލްޑިވްސް ރިސޯޓުގެ ހުޅަނގުން 2.5 ނޯޓިކަލް މޭލު ބޭރުން މަސްވެރިކަން ކުރަން އުޅުނު "އަސްދަން" ނަމަކަށް ކިޔާ ދޯނިން ފުޅި އަޅައިގެން އެން ހިފަން ފީނި 27 އަހަރުގެ ދިވެއްސެކެވެ.
އެމްއެންޑީއެފުން ބުނީ، ކޯސްޓުގާޑުގެ ޑައިވަރުންގެ ޓީމަށް އޭނާގެ ހަށިގަނޑު ކަނޑު އަޑީގައި އޮއްވާ ފެނިފައިވާ ކަމަށެވެ. ނަމަވެސް "ވަން" އަށް އެނގިފައިވާ ގޮތުގައި އޭނާ ފެނުނުއިރު ވަނީ މަރުވެފައެވެ.
އެމްއެންޑީއެފުން ބުނީ، 30 މިނެޓްގެ ޑައިވަކަށް އޭނާ ފީނަން ފޭބީ ހަތަރު މީހުންނާއެކު ކަމަށެވެ. އަދި އޭނާ ގެއްލުނުއިރު ދޯނީގައި 25 މީހުން ތިބި ކަމަށް މައުލޫމާތު ދިނެވެ.