ކުއްލި ޚަބަރު

ރާއްޖެ މިހާރު މިއޮތީ 14 ދުވަހުގެ ލޮކްޑައުންއެއްގައި، މި މުއްދަތުގައި ބަލި ފެތުރޭ މިންވަރު ކުޑަކުރެވޭނެ: މަބްރޫކު

އަލީ ޔާމިން

ރާއްޖެ މިހާރު މިއޮތީ 14 ދުވަހުގެ ލޮކްޑައުންއެއްގައި ކަމަށާއި މި މުއްދަތުގައި ބަލި ފެތުރޭ މިންވަރު ކުޑަކުރެވޭނެ ކަމަށް ކޮވިޑް 19އާ ގުޅޭ މައުލޫމާތުދިނުމަށް ސަރުކާރުން ކަނޑައަޅާފައިވާ ތަރުޖަމާނު މުހައްމަދު މަބްރޫކު އަބްދުލް އަޒީޒު ވިދާޅުވެއްޖެއެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކް ވިދާޅުވީ، ކޮވިޑަށް މާލެއިން މީހަކު ޕޮޒިޓިވްވުމާއެކު މާލެ 14 ދުވަހަށް ލޮކްޑައުންކޮށް އަތޮޅުތެރެއަށްވެސް ބަލި ފެތުރިދާނެ ކަމުގެ ބިރަށް ރާއްޖެ އެއްކޮށް ލޮކްޑައުންކޮށް، ދަތުރުފަތުރުކުރުން މަނާކުރެވިފައިވާ ކަމަށެވެ.

މަބްރޫކް ވިދާޅުވީ، ލޮކްޑައުންއާ އެއްގޮތަށް ރައްޔިތުން އަމަލުކޮށްފިނަމަ ބަލި ފެތުރޭ މިންވަރު ކުޑަކުރެވިދާނެ ކަމަށެވެ.

"ލޮކްޑައުންގެ ހާލަތުގައި ސިއްހީ މާހިރުން މި ދެއްވާ އިރުޝާދުތަކާއި، ނަސޭހަތްތައް އަޑުއަހައި އެއަށް އަމަލުކޮށްފިނަމަ، ބަލި ފެތުރޭ މިންވަރު ކުޑަކުރެވޭނެ." މަބްރޫކް ވިދާޅުވިއެވެ.

މީގެ އިތުރުން މަބްރޫކް ވިދާޅުވީ، ލޮކްޑައުން ކުރުމުގެ ބޭނުމަކީވެސް ގިނަ ބަޔަކަށް ބަލި ޖެހުން މަދުކުރުން ކަމަށާއި، އެހެންކަމުން ގެތަކުގައި ތިބޭއިރުވެސް ގައިދުރުކުރުމާއި، ސާފުތާހިރުކަމަށް އިސްކަން ދިނުމަކީ މުހިންމު ކަމެއް ކަމަށެވެ.