އަލީ ޔާމިން
އެއްވެސް ގައުމަކަށް އެންމެން ޓެސްޓެއް ނުކުރެވޭނެ ކަމަށާއި އެކަމަކު ރާއްޖޭގައި ޓެސްޓުކުރާ މިންވަރު ކުރިއަށްއޮތްތަނުގައި އިތުރުކުރާނެ ކަމަށް ޑރ. ނަޒްލާ ރަފީގު ވިދާޅުވެއްޖެއެވެ.
ކޮވިޑް 19ގެ މައުލޫމާތުދިނުމަށް ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ.ނަޒްލާ ވިދާޅުވީ، ކޮވިޑް 19ގެ ބިރުވެރިކަން ރާއްޖެއަށް ބޮޑުވުމާއެކު ކުރިއަށް އޮތް ދުވަސްތަކުގައި ކެޕޭސިޓީ އިތުރު ކުރާނެ ކަމަށާއި އެގޮތުން ޓެސްޓު ކުރާ މީހުންގެ އަދަދުވެސް އިތުރު ކުރާނެ ކަމަށެވެ. ނަމަވެސް ހުރިހާ ފަރާތްތައް ޓެސްޓު ކުރުމަކީ އެއްވެސް ގައުމަކަށް ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.
"ހުރިހާ އެންމެން ޓެސްޓު ކުރުމަކީ އެއްވެސް ގައުމަކަށް ޕޮސިބަލް ކަމަކަށް ނުވާނެ. އެހެންނަމަވެސް އަޅުގަނޑުމެން މިހާރު މިފެންނަ ކޭސްތަކަށް އެޓެންޑް ކުރުމާ އެއްކޮށް ކުރިންވެސް ފަށަންވެސް ތައްޔާރުވެފައި އޮތީ އިތުރު އެކި ގޮތް ގޮތަށް ކޮމިޔުނިޓީގެ ތެރޭގައި ބަލި އޮތްތޯ ބެލުމަށް. މިހާރުގެ ހާލަތަށް ބަލާފައި އަޅުގަނޑުމެން ޖެހޭނީ އެޕްލޭން ރިވައިސް ކުރަން" ޑރ.ނަޒްލާ ވިދާޅުވިއެވެ.
ނަޒްލާ ވިދާޅުވީ، މިހާރު ކޮވިޑަށް ހަދާ ޓެސްޓުގެ އިތުރުން ކުރިން ބަލި ޖެހިފައިވޭތޯ ބެލުމަށް އެންޓި ބޮޑީ ޓެސްޓުވެސް ހަދާނެ ކަމަށެވެ.
މީގެ އިތުރުން ޑރ. ނަޒްލާ ވިދާޅުވީ ކުރިއަށް އޮތް 14 ދުވަސް ތެރޭގައި ރާއްޖޭގައި ބަލި ޖެހޭ މީހުންގެ އަދަދު ބޮޑުތަނުން ކޮންޓްރޯލް ކުރެވޭނީ މިހާރު ސަރުކާރުން އަޅައިފައިވާ ފިޔަވަޅުތަކަށް އަމަލުކޮށްގެން ކަމަށެވެ.
މާލެއިން މިހާތަނަށް ވަނީ ކޮވިޑް 19 އަަށް އަށް މީހަކު ޕޮޒިޓިވްވެފައެވެ. ސިއްހީ މާހިރުން ލަފާކުރައްވާ ގޮތުގައި އެ އަދަދު ކުރިއަށް އޮތް ދުވަސްތަކުގައި ބޮޑުތަނުން އިތުރުވެގެންދާނެއެވެ.