އަލީ ޔާމިން
ހަތް މިނެޓުގެ ތެރޭ 74 މީހަކު މާލެ މަގުމަތިން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު( އެންއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮވިޑް 19ގެ މައުލޫމާތުދިނުމަށް ސަރުކާރުން ކަނޑައަޅުއްވާފައި ހުންނަވާ ތަރުޖަމާނު މުހައްމަދު މަބުރޫކް އަޒީޒް ވިދާޅުވީ މިރޭ 8:30 ފެށިގެން 8:37 ގެ ނިޔަލަށް 74 މީހުން ހައްޔަރުކޮށްފައިވާ ކަމަށެވެ.
މަބްރޫކް ވިދާޅުވީ ހައްޔަރުކުރި މީހުންގެ ތެރޭގައި ބިދޭސީން ވެސް ހިމެނޭ ކަމަށެވެ. ނަމަވެސް ހައްޔަރުކުރި ބިދޭސީންނާއި ދިވެހިންގެ އަދަދު ވަކިން ވިދާޅެއް ނުވެއެވެ.
ފުލުހުން މިރޭ ކޮށްފައިވާ ޓުވީޓެއްގައި ބުނެފައިވަނީ މިރޭ 8:30 އިން ފެށިގެން މަގުމަތީގައި އުޅޭ މީހުންނާމެދު ފިޔަވަޅު އަޅަމުން ގެންދާނެ ކަމަށެވެ. އެހެންކަމުން ރައްކާތެރިކަމަށްޓަކައި ހުރިހާ ރައްޔިތުންވެސް ގޭގައި ތިބުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.
މީގެ ކުރިން ފުލުހުން ވަނީ މަގުމަތީ އުޅޭ މީހުން 14 ދުވަހު ކަރަންޓީނަށް ގެންދާނެ ކަމަށްވެސް ބުނެފައެވެ. އެކަމާ ގުޅޭގޮތުން މަބުރޫކް ވިދާޅުވީ، މަގުމަތީ އުޅެގެން ހައްޔަރުކުރި މީހުން މިވަގުތު ތިބީ ފުލުހުންގެ ބެލުމުގެ ދަށުގައި ކަމަށާއި އެ މީހުންނާމެދު އަމަލު ކުރެވޭ ގޮތުގެ މައުލޫމާތު ފަހުން ދޭނެ ކަމަށެވެ.
މާލެއިން ކޮވިޑް 19އަށް ޕޮޒިޓިވް ކޭސްތައް ފެނުން އިތުރުވުމާ ގުޅިގެން މާލެ ވަނީ 14 ދުވަހަށް ލޮކްޑައުންކޮށްފައެވެ. އެގޮތުން މިހާތަނަށް އަށް މީހަކު ވަނީ މާލެއިން ބައްޔަށް ޕޮޒިޓިވްވެފައެވެ.