އަލީ ޔާމިން
ފަރުވާ ކުޑަކޮށް އުޅޭ ނަމަ ފަރުވާ ނުދެވިގެން މީހުން ދޫކޮށްލަން ޖެހޭ ހާލަތުވެސް އަންނާނެ ކަމަށް އެންއޯއީސީގެ ކޮންސަލްޓަންޓް ޑރ. ޝީނާ މޫސާ ވިދާޅުވެއްޖެއެވެ.
ކޮވިޑް 19ގެ ހާލަތާގުޅޭ މައުލޫމާތު ދިނުމަށް ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ޝީނާ ވިދާޅުވީ، ކޮވިޑް 19ގެ ހާލަތު ރާއްޖޭގައި ގޯސްވަމުން އަންނަ ކަމަށާއި އެގޮތުން މާލެ އާއި އަތޮޅުތެރޭގައި ކޮވިޑް 19 ހަލުވިކަމާއެކު ފެތުރޭނަމަ އެހުރިހާ ބަލި މީހުންނަށް ފަރުވާ ދެވޭނެ ވަރަށް ވަސީލަތްތައް ނެތް ކަމަށެވެ.
"މިހާރު މިދާ ޓްރެންޑުން ބަލި ފެތުރޭކަމަށްވަންޏާ ކެޕޭސެޓީއެއް ހަމަ ނެތް. ފަރުވާ ނުދެވިއްޖެއްޔާ އޭގެ މާނައަކީ ދޫކޮށްލަންށޭ ޖެހޭނީ. އެތިކަލް މައްސަލައެއް އެއީ. ހުރިހާ ބޭފުޅުން ވެސް ވިސްނަވާށޭ. އަޅުގަނޑުވެސް ހަމަވެދާނެ ފަރުވާ ނުދެވި އެނދުތައް ފުރިގެން ހަމަ ދޫކޮށްލާ މީހަކަށް. އެހެންވީމަ ވަރަށް ވަރަށް އަސްލު ނުރައްކާ މިއީ އަޅުގަނޑުމެން ނުބަލާ އުޅެން ވެއްޖެއްޔާ. އަޅުގަނޑުމެންގެ ނެތް އެ ކެޕޭސިޓީއެއް،" ޑޮކްޓަރު ވިދާޅުވިއެވެ
ޑރ. ޝީނާ ވިދާޅުވި ގޮތުގައި މިހާރުގެ ހާލަތަށް ބަލައި ބަލި ފެތުރޭ މިންވަރުން އައިސީޔޫ އާއި ވެންޓިލޭޓަރަށް ލާންޖެހޭ އަދަދު 43،000 އަށް އަރާނެ ކަމަށް ލަފާކުރެވެއެވެ. އެހެންކަމުން ކޮވިޑް 19ގެ ބިރުވެރިކަން މިހާރު އޮތް ހާލަތުން އިތުރަށް ގޯސްވިޔަ ނުދިނުމަށްޓަކައި ފަރުދީ ޒިންމާ އަދާކޮށް ގެތަކުގައި ތިބުމަށް އިލްތިމާސްކުރާ ކަމަށާއި އަދި ސަރުކާރުން ކޮވިޑާ ދެކޮޅަށް އަޅަމުން އަންނަ ފިޔަވަޅުތަކަށް ތަބާވުމަށް އާދޭހާއެކު ޑޮކްޓަރު އިލްތިމާސްކުރެއްވިއެވެ.
މާލެއިން މިހާތަނަށް ކޮވިޑް 19އަށް ވަނީ އަށް މީހަކު ޕޮޒިޓިވްވެފައެވެ. ޑޮކްޓަރުން ލަފާކުރާ ގޮތުގައި ނޭންގި ނަމަވެސް ބަލި ޖެހިފައި ތިބި 60 ނުވަތަ 100އާ ގާތްކުރާ ވަރަށް މީހުން މުޖުތަމައުގެ ތެރޭގައި އުޅޭނެއެވެ.