އަލީ ޔާމިން
ރާއްޖޭގައި މިވަގުތު ތިބީ 905 ޑޮކްޓަރުން އަދި 2970 ނަރުހުން ކަމަށާއި މީގެ 55 ޕަސަންޓް ބޭނުންކުރާނީ ކޮވިޑް 19އާ ދެކޮޅަށް ކުރާ މަސައްކަތަށް ކަމަށް ކޮވިޑް 19އާ ގުޅޭ މައުލޫމާތުދިނުމަށް ސަރުކާރުން ކަނޑައަޅާފައިވާ ތަރުޖަމާނު މުހައްމަދު މަބްރޫކު އަބްދުލް އަޒީޒު ވިދާޅުވެއްޖެއެވެ.
ކޮވިޑް 19އާ ގުޅޭ މައުލޫމާތު ދިނުމަށް މިރޭ ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކް ވިދާޅުވީ، ރާއްޖޭގައި ބަލި ފެތުރުން އިތުރުވެ، ޕީކަށް ހިނގައްޖެނަމަ އެކަމަށް ބޭނުންވާ ވަރަށް ޑޮކްޓަރުންނާއި ނަރުހުން ނެތް ކަމަށެވެ. އެގޮތުން މިވަގުތު ރާއްޖޭގައި ތިބީ 905 ޑޮކްޓަރުންނާއި 2970 ނަރުހުން ކަމަށް މަބްރޫކް ވިދާޅުވިއެވެ.
"ރާއްޖޭގައި މިވަގުތު މިތިބީ 905 ޑޮކްޓަރުންނާއި، 2970 ނަރުހުން އަދި އަޅުގަނޑުމެން ރާއްޖެއިން ވާނެ މެޑިކަލް ކިޔަވާ ބައެއް ކުދިންވެސް ގެނެސްފައި،" މަބްރޫކް ވިދާޅުވިއެވެ.
މަބްރޫކް ވިދާޅުވީ، ސަރުކާރުގެ ވިސްނުމަކީ ރާއްޖޭގައި މަސައްކަތްކުރާ ޑޮކްޓަރުންނާއި ނަރުހުންގެ 55 އިންސައްތަ ކޮވިޑް 19 އަށް ހާއްސަ ކުރުން ކަމަށާއި، އެގޮތުން މާލެއަށް އިތުރު ޑޮކްޓަރުންނާއި ނަރުހުން ބޭނުންވެއްޖެ ނަމަ އަތޮޅު ތެރޭގައި ތިބި ނަރުހުންނާއި ޑޮކްޓަރުންވެސް ގެންނަވާނެ ކަމަށެވެ.
މީގެ އިތުރުން މަބްރޫކް ވިދާޅުވީ، ރާއްޖޭގައި ކޮވިޑް 19 ޖެހޭ މީހުންގެ އަދަދު ސިއްހީ ހިދުމަތްތެރީންގެ އަދަދަށް ނުކަތާވަރަށް އިތުރުވެއްޖެ ނަމަ ބަލި ފެތުރުން ކޮންޓްރޯލް ކުރެވިފައިވާ ނުވަތަ ކޮންޓްރޯލް ކުރެވެމުން އަންނަ ގައުމުތަކުން ސިއްހީ މާހިރުން ރާއްޖެ ގެނެވޭނެ ކަމަށް އުންމީދު ކުރާ ކަމަށެވެ.