ކުއްލި ޚަބަރު

މިހާރު އަޅުގަނޑުމެންގެ ތެރޭގައި 100 އާ ގާތްކުރާ އަދަދެއްގެ މީހުންނަށް ކޮވިޑް ޖެހިފައި ތިބޭނެ، އެންމެންވެސް ތިބީ ރިސްކުގައި

އަލީ ޔާމިން

މިހާރު ރާއްޖޭގައި 100 އާ ގާތްކުރާ އަދަދެއްގެ މީހުންނަށް ކޮވިޑް 19 ޖެހިފައި ތިބޭނެ ކަމަށާއި އެންމެންވެސް ތިބީ ރިސްކުގައި ކަމަށް އެންއީއޯސީގެ ކޮންސަލްޓަންޓް ޑރ. ޝީނާ މޫސާ ވިދާޅުވެއްޖެއެވެ.

ކޮވިޑް 19ގެ ހާލަތާގުޅޭ މައުލޫމާތު ދިނުމަށް ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ޝީނާ ވިދާޅުވީ، ކޮވިޑް 19އަށް ހުށަހެޅުމާއި ބަލި ޖެހިފައި ހުރި މީހަކާ ދިމާވެގެން އެދާ މުއްދަތަކީ ބަލި ފެތުރުމުގެ ބާރުމިނަށް އަސަރުކުރާ ދެ ކަންތައް ކަމަށެވެ. އެގޮތުން މިހާރު އަދި ދިހަ ވަރަކަށް ކޭސް ފެނުނު ކަމުގައިވިނަމަވެސް އޭގެ ހަ ގުނަ މީހުން ނޭންގި އުޅޭނެ ކަމަށެވެ.

"އަޅުގަނޑުމެންނަށް މި ފެނުނީ ދިހަ ވަރަކަށް ކޭސް އަދި. އެކަމަކު އޭގެ މާނައަކީ އޭގެ ހަ ގުނަ މިހާރު އަދި އުޅޭނެއޭ ރާއްޖޭގައި. އެހެންވީމަ 60 އަށްވުރެ ގިނަ އަދި 100އާ ގާތްކުރާ މިންވަރަކަށް މިހާރު އުޅޭނެ އަޅުގަނޑުމެންގެ ތެރޭގައި ކޭސް،" ޑރ. ޝީނާ ވިދާޅުވިއެވެ.

ޑޮކްޓަރު ވިދާޅުވީ، ކޮންމެ ކޮންޓެކްޓު ޓްރޭސިންގެ އަދަދުތައް ގިނަވުމުން ދޭހަވަނީ ކޮންމެ މީހަކަށް ވެސް މިހާރު ބަލި ޖެހުމުގެ ފުރުސަތު އޮތް ކަމަށެވެ. އެހެންކަމުން އިޖުތިމާއީ ގައިދުރުކުރުމަށް ހާއްސަ އިސްކަމެއް ދިނުމަކީ މުހިންމު ކަމެއް ކަމަށާއި އަދި ކޮވިޑް 19އާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތަކަށް ކަމޭހިތައި ހުރިހާ ފަރާތްތަކުން ވެސް ގޭގައި ތިބުމަކީ މުހިންމު ކަމެއް ކަމަށް ފާހަގަކުރެއްވިއެވެ.

ރާއްޖެއިން ކޮވިޑް 19 ޖެހިފައިވާ 28 މީހަކު ފެނިފައިވާއިރު އޭގެ ތެރެއިން އަށް މީހުން ފެނިފައިވަނީ މާލެއިންނެވެ. އަދި ރާއްޖޭން ބައްޔަށް ޕޮޒިޓިވްވި 16 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ.