އަލީ ޔާމިން
ސާދަ ދުވަސްތެރޭ ބަލިޖެހޭނެ ކަމަށް ބެލެވޭ އަދަދު 19،000 އިން 29އަށް ދަށްކުރުމުގެ ފުރުސަތު އޮތީ ރައްޔިތުންގެ އަތުގައި ކަމަށް ޑރ. ނަޒްލާ ރަފީގު ވިދާޅުވެއްޖެއެވެ.
ކޮވިޑް 19ގެ ހާލަތާގުޅޭ މައުލޫމާތު ދިނުމަށް ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ނަޒްލާ ވިދާޅުވީ، ކުރިއަށް އޮތީ ބިރުވެރި ދުވަސްތަކެއް ކަމަށާއި ކޮންމެ މީހަކީ ވެސް ޕޮޒިޓިވް މީހަކަށް ނުވަތަ ޕޮޒިޓިވްވެފައިވާ މީހެއްގެ ކޮންޓެކްޓަކަށް ވެދާނެ ކަމަށެވެ. އެހެންކަމުން ރައްކާތެރިކަމުގެ ގޮތުން އެޅެން ހުރި ހުރިހާ ފިޔަވަޅެއް އެޅުމަކީ މުހިންމު ކަމެއް ކަމަށް ވިދާޅުވިއެވެ.
ޑޮކްޓަރު އިތުރަށް ވިދާޅުވީ، މާލެއިން ބަލި ޖެހުނު މީހުންގެ ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން މިހާރުވެސް ގިނަ އަދަދެއްގެ މީހުން ފާހަގަކުރެވި އެކަހެރި ކުރެވިފައިވާ ކަމަށާއި ކޮންޓެކްޓު ޓްރޭސިންގެ މަސައްކަތް ކުރިއަށްދާއިރު ތެދު މައުލޫމާތު ފޯރުކޮށްދިނުމަކީ މުހިންމު ކަމެއް ކަމަށެވެ. އަދި މިހާރު އަޅާފައިވާ ފިޔަވަޅުތަކާއެކު ބަލިޖެހޭ މީހުންގެ އަދަދު މަދު ކުރުން އޮތީ ރައްޔިތުންގެ އަތްމަތީގައިކަން ޑރ. ނަޒްލާ ފާހަގަކުރެއްވިއެވެ.
"ކުރިއަށް އޮތް ސާދަ ދުވަސް ތެރޭގައި 19،000 ކޭސް ނޫނީ 29 ކޭސްތޯ ފެންނާނީ މީ ތަފާތު ގެނައުން މިއޮތޯ ތިބޭފުޅުންގެ އަތްމަތީގައި،" ޑރ ނަޒްލާ ވިދާޅުވިއެވެ.
ކޮވިޑް 19އާ ދެކޮޅަށް ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކަށް ރައްޔިތުން ފުރިހަމައަށް ބޯލަނބައި ކިޔަމަންވުމަކީ ބަލިން ރައްކާތެރިވުމަށް ކުރެވޭނެ އެންމެ މުހިންމު ކަންތައްކަން ފާހަގަކުރައްވާ ޑޮކްޓަރު ވިދާޅުވީ، ގެއިން ބޭރަށް ނުނިކުތުމަށާއި އެއް އެޕާޓްމަންޓެއްގައި އުޅޭއިރު ވެސް އިޖުތިމާއީ ގައިދުރު ކަމަށް އިސްކަން ދިނުމަކީ މުހިންމު ކަމެއް ކަމަށެވެ.