ކޮވިޑް 19އަށް ޕޮޒިޓިވްވި މީހުންނާ ސީދާ ބައްދަލުވި 274 މީހަކު މިހާތަނަށް ހޯދިފައިވާ ކަމަށް ޑރ. ނަޒްލާ ރަފީގު ވިދާޅުވެއްޖެއެވެ.
ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ނަޒްލާ ވިދާޅުވީ ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތްތައް މިހާރު ވެސް ކުރިއަށްދާ ކަމަށާއި މިހާތަނަށް ގިނަ އަދަދެއްގެ ޑައިރެކްޓް ކޮންޓެކްޓްސް ހޯދިފައިވާ ކަމަށެވެ.
"މިހާރު މިހާތަނަށް 274 ޕްރައިމަރީ ކޮންޓެކްޓްސް، ސީދާ ޕޮޒިޓިވްވި މީހުންނާ ގުޅުންހުރި ކޮންޓެކްޓްސް ވަނީ ހޯދިފައި. މި ކޮންޓެކްޓުންގެ އަލާމާތްތައް ހުރުމުން، އެމީހުންގެ އިތުރު ކޮންޓެކްޓްސް ވެސް އަޅުގަނޑުމެން ވަނީ އައިސޮލޭޓްކުރެވިފައި،" އޭނާ ވިދާޅުވިއެވެ.
ޑރ. ނަޒްލާ ވިދާޅުވީ މަސައްކަތް ބާރަށް ކުރިއަށްދާނީ އަދި ބަލިން ރައްކާތެރިވުމުގެ ފުރުސަތު ބޮޑުވާނީ ހުރިހާ އެންމެންވެސް ވީހާވެސް އަވަހަކަށް ތަފްސީލުކޮށް ތެދު މައުލޫމާތު ފޯރުކޮށްދީގެން ކަމަށެވެ.
ކޮވިޑު 19 ޖެހިފައިވާ ފުރަތަމަ މީހާ (ކޭސް 21) މާލެ ތެރޭން މިދިޔަ ބުދަ ދުވަހު ފެނިފައިވާ އިރު، މި ބަލި ޖެހިފައިވާ އިތުރު ހަތް މީހުން މިދިޔަ ދެ ދުވަސް ތެރޭ ވަނީ ފެނިފައެވެ.
މިކަމާ ގުޅިގެން، މާލޭގައި ނުރައްކަލުގެ ހާލަތު ރަތަށް އަރުވާފައިވާއިރު، މުޅި ރާއްޖެ ވަނީ ލޮކްޑައުން ކޮށްފައެވެ. އަދި މާލޭ ސަރަހައްދުގެ ލޮކްޑައުންގެ މުއްދަތު 14 ދުވަހަށް އިތުރުކޮށް އެކަންވެސް އެޗްޕީއޭއިން މިއަދު ވަނީ އިއުލާނުކޮށްފައެވެ.