ސިއްހީ ހިދުމަތްތެރިންނަށް ގެޔަށް ނުގޮސް ހިދުމަތްދެވޭނެ އިންތިޒާމު މިހާރު ހަމަޖައްސާފައިވާ ކަމަށް ކޮވިޑް 19އާ ގުޅޭ މައުލޫމާތުދިނުމަށް ސަރުކާރުން ކަނޑައަޅާފައިވާ ތަރުޖަމާނު މުހައްމަދު މަބްރޫކު އަބްދުލް އަޒީޒު ވިދާޅުވެއްޖެއެވެ.
ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކު ވިދާޅުވީ ފްރަންޓް ލައިނުގައި މަސައްކަތްކުރާ ފުލުހުންނާއި ސިއްހީ ހިދުމަތްތެރީން ރައްކާތެރިކަމާއެކު އަމިއްލަ ގޭގައި އުޅެވޭނެ ކަމުގެ ޔަގީންކަން ނެތިއްޖެއްޔާ އެބޭފުޅުންނަށް އުޅެވޭނެ ތަނެއް ހަމަޖައްސާފައިވާ ކަމަށެވެ.
"ފުލުހުންގެ ފަރާތުން ވިދާޅުވަނީ މިހާރުވެސް މާލޭގެ ގެސްޓުހައުސްތަކެއް ނަގައި، އެބޭފުޅުން އެގޮތަށް އެދިއްޖެ ނަމަ އެ ބޭނުންވާ ފަރާތްތަކަށް އެކަން ކޮށްދެވޭނެ އިންތިޒާމުތައް ވަނީ ރާވާފައި ކަމަށް. އަދި ހެލްތު މިނިސްޓްރީގެ ފަރާތުން ވިދާޅުވަނީ އެގޮތަށް ރިކުއެސްޓް ކޮށްފިނަމަ، އެކޮމޮޑޭޝަން ހަމަޖެހިގެންދާނެ ކަމަށް،" އޭނާ ވިދާޅުވިއެވެ.
ކޮވިޑު 19 ޖެހިފައިވާ ފުރަތަމަ މީހާ (ކޭސް 21) މާލެ ތެރޭން މިދިޔަ ބުދަ ދުވަހު ފެނިފައިވާ އިރު، މި ބަލި ޖެހިފައިވާ އިތުރު ހަތް މީހުން މިދިޔަ ދެ ދުވަސް ތެރޭ ވަނީ ފެނިފައެވެ.
މިކަމާ ގުޅިގެން، މާލޭގައި ނުރައްކަލުގެ ހާލަތު ރަތަށް އަރުވާފައިވާއިރު، މުޅި ރާއްޖެ ވަނީ ލޮކްޑައުން ކޮށްފައެވެ. އަދި މާލޭ ސަރަހައްދުގެ ލޮކްޑައުންގެ މުއްދަތު 14 ދުވަހަށް އިތުރުކޮށް އެކަންވެސް އެޗްޕީއޭއިން މިއަދު ވަނީ އިއުލާނުކޮށްފައެވެ.