ކުއްލި ޚަބަރު

ހާލަތު ބަދަލުކުރެވޭނީ ވަރަށް ސީރިއަސް މަސައްކަތްތަކެއް ކޮށްގެން، އެމީހަކަށް ވީ ކަމެއް ކޮށްދެއްވާ!: މަބްރޫކު

ހާލަތު ބަދަލުކުރެވޭނީ ވަރަށް ސީރިއަސް މަސައްކަތްތަކެއް ކޮށްގެން ކަމަށާއި އެމީހަކަށް ވީ ކަމެއް ކޮށްދެއްވުމަށް ކޮވިޑް 19އާ ގުޅޭ މައުލޫމާތުދިނުމަށް ސަރުކާރުން ކަނޑައަޅާފައިވާ ތަރުޖަމާނު މުހައްމަދު މަބްރޫކު އަބްދުލް އަޒީޒު ވިދާޅުވެއްޖެއެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކު ވިދާޅުވީ ކޮންމެ ބޭފުޅަކުވެސް މިކަމުގައި އެޅޭނެ އެންމެ ރައްކާތެރި ފިޔަވަޅު އެޅުމަކީ މުހިންމު ކަމެއް ކަމަށެވެ.

"މިކަމުގައި ރަނގަޅު ރައްކާތެރިކަން ހޯދުމަށްޓަކައި އަޅަން ނުވާނެ ވަރުގެ ފިޔަވަޅެއް ނެތް. ކުރެވެން ހުރި ހުރިހާ ކަމެއްވެސް މިވަގުތު ކުރެއްވުން. އެއީ އެންމެ މުހިންމުކަމެއް ދީގެން މިވަގުތު ތިބޭފުޅުން ވެސް ކޮށްދެއްވަންވީ ކަމަކީ،" އޭނާ ވިދާޅުވިއެވެ.

މަބްރޫކު ވިދާޅުވީ މިއީ ހަޔާތުގައި ދިމާވާނެ އެންމެ ބޮޑު އެއް އިމްތިހާނު ކަމަށާއި ކަންކުރާ ގޮތުން އެތައް ބައެއްގެ ފުރާނައަށް ނުރައްކާވެދާނެ ކަމަށެވެ. އަދި ކަންކުރާ ގޮތުން އެ ނޫން ދުވަހެއް ފެނުމަކީ ވެސް ކައިރީގައި އޮތް ކަމެއް ކަމަށާއި މަސައްކަތްކުރަންވީ ދުވާލެއްގެ މައްޗަށް ބަލިޖެހޭ މީހުންގެ އަދަދު މަދުކުރުމަށް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ކޮވިޑު 19 ޖެހިފައިވާ ފުރަތަމަ މީހާ (ކޭސް 21) މާލެ ތެރޭން މިދިޔަ ބުދަ ދުވަހު ފެނިފައިވާ އިރު، މި ބަލި ޖެހިފައިވާ އިތުރު ހަތް މީހުން މިދިޔަ ދެ ދުވަސް ތެރޭ ވަނީ ފެނިފައެވެ.

މިކަމާ ގުޅިގެން، މާލޭގައި ނުރައްކަލުގެ ހާލަތު ރަތަށް އަރުވާފައިވާއިރު، މުޅި ރާއްޖެ ވަނީ ލޮކްޑައުން ކޮށްފައެވެ. އަދި މާލޭ ސަރަހައްދުގެ ލޮކްޑައުންގެ މުއްދަތު 14 ދުވަހަށް އިތުރުކޮށް އެކަންވެސް އެޗްޕީއޭއިން މިއަދު ވަނީ އިއުލާނުކޮށްފައެވެ.