ބިރުވެރިކަން އިންތިހާއަށް އެބައޮތް ކަމަށާއި މިހާރު މިދާ ގޮތަށް ފެތުރޭ ނަމަ ލައްކައެއްހާ މީހުންނަށް ކޮވިޑް ޖެހިދާނެ ކަމަށް އެންއީއޯސީގެ ކޮންސަލްޓަންޓް ޑރ. ޝީނާ މޫސާ ވިދާޅުވެއްޖެއެވެ.
ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮވިޑް 19އާ ގުޅޭ ޕްރެޒެންޓޭޝަނެއް ދެއްވަމުން ޑރ. ޝީނާ ވިދާޅުވީ މިހާރު މިއޮތް ހާލަތުގައި ތިބެއްޖެއްޔާ އެއް މަސްދުވަސް ތެރޭ ޕީކަށް ދާނެ ކަމަށާއި މިގޮތަށް ފެތުރޭ ނަމަ ލައްކައެއްގާ މީހުންނަށް ބަލި ޖެހިދާނެ ކަމަށެވެ.
"އަޅުގަނޑުމެން އެބަދޭ ޕީކަށް އެއް މަސް ދުވަހުގެ ތެރޭގައި. ކުރިއަށްއޮތް ރޯދަމަހުގެ ތެރޭގައި އަޅުގަނޑުމެން ތިބޭނީ އެންމެ ގިނައިން މި ބަލި ޖެހިފައި ތިބި މީހުން އަންނާނެ ދުވަހާ ހަމައަށްވެފައި،" އޭނާ ވިދާޅުވިއެވެ.
ޑރ. ޝީނާ ވިދާޅުވީ މި ސްޕީޑުގައި ފެތުރޭ ނަމަ ދިހަ ދުވަހުގެ ތެރޭގައި އެޑްމިޓްކުރަން ޖެހޭ މިންވަރު ވަރަށް ބޮޑު އުފުލިގެންދާނެ ކަމަށާއި ހެލްތު ސިސްޓަމުގައި މިހާރުވެސް އެވަރުގެ ކެޕޭސިޓީއެއް ނެތް ކަމަށެވެ. އަދި މި ހާލަތުގައި ގޮސްފިނަމަ، ވަރަށް ގިނަ ބަޔަކަށް ހިދުމަތް ނުދެވި ދާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ކޮވިޑު 19 ޖެހިފައިވާ ފުރަތަމަ މީހާ (ކޭސް 21) މާލެ ތެރޭން މިދިޔަ ބުދަ ދުވަހު ފެނިފައިވާ އިރު، މި ބަލި ޖެހިފައިވާ އިތުރު ހަތް މީހުން މިދިޔަ ދެ ދުވަސް ތެރޭ ވަނީ ފެނިފައެވެ.
މިކަމާ ގުޅިގެން، މާލޭގައި ނުރައްކަލުގެ ހާލަތު ރަތަށް އަރުވާފައިވާއިރު، މުޅި ރާއްޖެ ވަނީ ލޮކްޑައުން ކޮށްފައެވެ. އަދި މާލޭ ސަރަހައްދުގެ ލޮކްޑައުންގެ މުއްދަތު 14 ދުވަހަށް އިތުރުކޮށް އެކަންވެސް އެޗްޕީއޭއިން މިއަދު ވަނީ އިއުލާނުކޮށްފައެވެ.