މިހާރު މި ފެތުރޭހާ ބާރަށް ކޮވިޑް 19 ފެތުރޭނެ ނަމަ ކޮންޓްރޯލެއް ނުވާނެ ކަމަށާއި 2000 އެއްހާ މީހުން މަރުވެދާނެ ކަމަށް އެންއީއޯސީގެ ކޮންސަލްޓަންޓް ޑރ. ޝީނާ މޫސާ ވިދާޅުވެއްޖެއެވެ.
ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮވިޑް 19އާ ގުޅޭ ޕްރެޒެންޓޭޝަނެއް ދެއްވަމުން ޑރ. ޝީނާ ވިދާޅުވީ މިހާރުގެ ހާލަތަށް ބަލާނަމަ، 14 ދުވަސްތެރޭ ހޮސްޕިޓަލުގައި ފަރުވާ ދޭން ޖެހެ މީހުންނާއި ވެންޓިލޭޓަރަށް ލާން ޖެހޭ ކޭސްތައް ވަރަށް މަތިވެގެންދާ ކަމަށެވެ.
"މީގެ ސަބަބުން ވަރަށް ގިނަ މީހުން މަރުވެގެންދާނެ. މި ހާލަތުގައި އަޅުގަނޑުމެން ތިބެއްޖެއްޔާ، 2000 އެއްހާ މީހުން މަރުވެގެންދާނެ،" އޭނާ ވިދާޅުވިއެވެ.
ޑރ. ޝީނާ ވިދާޅުވީ މިހާރު ފެތުރޭހާ ބާރަށް ބަލި ފެތުރޭ ނަމަ މިމަހުގެ 21 ވަނަ ދުވަހާ ހަމައަށް ދާއިރުގައި ސިއްހީ ނިޒާމުގައި ފަރުވާދިނުމަށް އެވަރުގެ ކެޕޭސިޓީއެއް ނުހުންނާނެ ކަމަށާއި ހުސް އެނދެއްގައި ބޭއްވިޔަސް، އެހާ ގިނަ ބަޔަކަށް ފަރުވާ ދޭނެ ސިއްހީ ހިދުމަތްތެރިންނެއް ނެތް ކަމަށެވެ.
"މި ދާ ރޭޓުގައި 21 ވަނަ ދުވަހާ ހަމައަށް ދާއިރުގައި އަޅުގަނޑުމެންގެ ސިސްޓަމަކު ނެތް ކެޕޭސިޓީއެއް. އަދި ސަރުކާރުން މަސައްކަތްކުރައްވައިގެން ބައިވަރު އެނދުތައް އެބަ ހަދާ. އިކުއިޕްމަންޓުތައް ވެސް އެބަ އާދޭ. އެހެންނަމަވެސް އެ ކޭޓާ ކުރާ ވަރުގެ ހުނަރު ހުރި ސިއްހީ ހިދުމަތްތެރިން އަޅުގަނޑުމެންގެ އަތަކު ނެތް. އޭގެ މާނައަކީ އަޅުގަނޑުމެން ހުސް އެނދެއްގައި ބޭއްވިޔަސް، އެމީހުންނަށް ފަރުވާ ދޭނެ މީހުންނެއް ވެސް ނެތޭ. އަދި ވެންޓިލޭޓަރުތައް ފަދަ އެއްޗެހި ވެސް ނެތޭ،" އޭނާ ވިދާޅުވިއެވެ.
ކޮވިޑު 19 ޖެހިފައިވާ ފުރަތަމަ މީހާ (ކޭސް 21) މާލެ ތެރޭން މިދިޔަ ބުދަ ދުވަހު ފެނިފައިވާ އިރު، މި ބަލި ޖެހިފައިވާ އިތުރު ހަތް މީހުން މިދިޔަ ދެ ދުވަސް ތެރޭ ވަނީ ފެނިފައެވެ.
މިކަމާ ގުޅިގެން، މާލޭގައި ނުރައްކަލުގެ ހާލަތު ރަތަށް އަރުވާފައިވާއިރު، މުޅި ރާއްޖެ ވަނީ ލޮކްޑައުން ކޮށްފައެވެ. އަދި މާލޭ ސަރަހައްދުގެ ލޮކްޑައުންގެ މުއްދަތު 14 ދުވަހަށް އިތުރުކޮށް އެކަންވެސް އެޗްޕީއޭއިން މިއަދު ވަނީ އިއުލާނުކޮށްފައެވެ.