މިހާރު މި ފެތުރޭ ސްޕީޑުގައި ކޮވިޑް ފެތުރޭ ނަމަ، އެންމެންނަށް ހިދުމަތް ނުދެވިދާނެ ކަމަށް އެ ގާބިލުކަން ނެތް ކަމަށް އެންއީއޯސީގެ ކޮންސަލްޓަންޓް ޑރ. ޝީނާ މޫސާ ވިދާޅުވެއްޖެއެވެ.
ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮވިޑް 19އާ ގުޅޭ ޕްރެޒެންޓޭޝަނެއް ދެއްވަމުން ޑރ. ޝީނާ ވިދާޅުވީ ރާއްޖޭގައި މިހާރު ބަލި ފެތުރެމުންދާ ސްޕީޑުގައި ފެތުރޭ ނަމަ އެޑްމިޓްކުރަން ޖެހޭ މީހުންގެ އަދަދު ވެސް އިތުރުވަމުންދާނެ ކަމަށެވެ.
"މިހާރުގެ ޕްރޮޖެކްޝަންގައި މި ފެންނަނީ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ވަރަށް ބާރަށް އަރައިގެންދާ ތަން. މިހާ އިންފެކްޝަންތައް ގިނަވެގެންދާ އިރު، އޭގެ މާނައަކީ އަޅުގަނޑުމެން އެޑްމިޓްކުރަން ޖެހޭ އަދަދު ވެސް ގިނަވަމުންދާނެއޭ. އެޑްމިޝަން މުހިންމުވަނީ އަޅުގަނޑުމެންގެ ހެލްތު ސިސްޓަމްގެ ކެޕޭސިޓީ ހުރީ ކިހާވަރަކަށްތޯ. މިހާ ބާރަށް އަޅުގަނޑުމެންގެ އެޑްމިޝަންސްތައް އިތުރުވަމުންދަންޏާ، އަޅުގަނޑުމެންގެ ހެލްތު ސިސްޓަމަކަށް އެންމެންނަށް ފަރުވާ ދެވޭނެ ވަރުގެ ކެޕޭސިޓީއެއް ނެތް،" އޭނާ ވިދާޅުވިއެވެ.
ޑރ. ޝީނާ ވިދާޅުވީ މި ސްޕީޑުގައި ފެތުރޭ ނަމަ ދިހަ ދުވަހުގެ ތެރޭގައި އެޑްމިޓްކުރަން ޖެހޭ މިންވަރު ވަރަށް ބޮޑު އުފުލިގެންދާނެ ކަމަށާއި ހެލްތު ސިސްޓަމުގައި މިހާރުވެސް އެވަރުގެ ކެޕޭސިޓީއެއް ނެތް ކަމަށެވެ. އަދި މި ހާލަތުގައި ގޮސްފިނަމަ، ވަރަށް ގިނަ ބަޔަކަށް ހިދުމަތް ނުދެވި ދާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ކޮވިޑު 19 ޖެހިފައިވާ ފުރަތަމަ މީހާ (ކޭސް 21) މާލެ ތެރޭން މިދިޔަ ބުދަ ދުވަހު ފެނިފައިވާ އިރު، މި ބަލި ޖެހިފައިވާ އިތުރު ހަތް މީހުން މިދިޔަ ދެ ދުވަސް ތެރޭ ވަނީ ފެނިފައެވެ.
މިކަމާ ގުޅިގެން، މާލޭގައި ނުރައްކަލުގެ ހާލަތު ރަތަށް އަރުވާފައިވާއިރު، މުޅި ރާއްޖެ ވަނީ ލޮކްޑައުން ކޮށްފައެވެ. އަދި މާލޭ ސަރަހައްދުގެ ލޮކްޑައުންގެ މުއްދަތު 14 ދުވަހަށް އިތުރުކޮށް އެކަންވެސް އެޗްޕީއޭއިން މިއަދު ވަނީ އިއުލާނުކޮށްފައެވެ.