މިރޭ 20:30 އިން ފެށިގެން ބޭރުގައި އުޅޭ މީހުންނާމެދު ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ފުލުހުން ދީފިއެވެ.
ކޮވިޑް-19 އަށް މާލެއިން ބަޔަކު ޕޮޒިޓިވްވުމާ ގުޅިގެން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވަނީ މާލެ ސަރަހައްދު 14 ދުވަހަށް ލޮކްޑައުން ކޮށްފައެވެ. އެ ހާލަތުގެ ދަށުން މާލެ، ހުޅުމާލެ އަދި ވިލިމާލޭގައި އެއްގަމު އުޅަނދުފަހަރު ދުއްވުމާއި މަގުމައްޗާއި އާންމު ތަންތަނަށް ނިކުތުން ވަނީ މަނާކޮށްފައެވެ.
ފުލުހުން މިރޭ ކޮށްފައިވާ ޓުވީޓެއްގައި ބުނީ، މިރޭ 20:30 ފެށިގެން މަގުމަތީގައި އުޅޭ މީހުންނާމެދު ފިޔަވަޅު އަޅަމުން ގެންދާނެ ކަމަށެވެ. އެގޮތުން ފުރަތަމަ ފަހަރަށް ކުރާނީ 1000 ރުފިޔާގެ ޖޫރިމަނާއެއް ކަމަށާއި އަދި ދެވަނަ ފަހަރަށް ނުކުމެ އުޅެނިކޮށް ފެންނަ މީހުން ޕީނަލް ކޯޑުގެ ދަށުން ހައްޔަރު ކުރާނެ ކަމަށް ފުލުހުން ބުނެއެވެ.
އެހެންކަމުން ރައްކާތެރިކަމަށްޓަކައި ހުރިހާ ރައްޔިތުންވެސް ގޭގައި ތިބުމަށް އިލްތިމާސްކޮށް ފުލުހުން ވަނީ ކޮވިޑް-19 އިން ރައްކާތެރިވުމަށް ކުރަމުންދާ މަސައްކަތުގައި ހުރިހާ ރައްޔިތުންގެ އެއްބާރުލުމާއި އެހީތެރިކަމަށް އެދިފައެވެ.
މޭލެއިން މިހާތަނަށް ކޮވިޑް ޖެހިފައިވާ އަށް މީހަކު ފެނިފައިވާއިރު ސިއްހީ އިދާރާތަކުން ވަނީ އެ ބަލި މުޖުތަމައު ތެރެއަށް ފެތުރިފައިވާ ކަމަށް ނުވަތަ ކޮމިއުނިޓީ ސްޕްރެޑަކަށް ވެފައިވާ ކަމަށް ކަނޑައަޅައި، މާލޭގެ އެލާޓް ލެވެލް ރަތަށް މަތިކޮށްފައެވެ.