މުހައްމަދު އައުޒަމް
އީރާނުން ކޮރޯނާވައިރަސް ދެނެގަންނަ މެޝިނެއް ކަމަށް ފޭކު އެންޓި-ބޮމް ޑިވައިސްއެއް ދައްކާލައިފިއެވެ.
އީރާނުގެ އިސްލާމިކް ރިވެލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރްޖީސީ) އިން ކޮރޯނާވައިރަސް ދެނެގަންނަ މެޝިނެއް ކަމަށް ފޭކު އެންޓި-ބޮމް ޑިވައިސްއެއް ދައްކާލުމާއެކު އެތައްބަޔަކު ދަނީ އެކަމުގެ ހަގީގަތް ހާމަކޮށް ފާޑުކިޔަމުންނެވެ.
އައިއާރްޖީސީގެ މޭޖާ ޖެނަރަލް ހުސައިން ސަލާމީ ވަނީ އީރާނު ދައުލަތުގެ ޓީވީ މެދުވެރިކޮށް މިޑިވައިސް ދައްކާލައިފައެވެ. އަދި މިއީ މަދު ސިކުންތު ކޮޅެއްގެ ތެރޭގައި ކޮރޯނާ ވައިރަސް ދެނެގަނެވޭނެފަދަ ކުޅަދާނަ ޑިވައިސެއް ކަމަށް ބުނެ އީރާނުގެ ބާރުގަދަކަން ދައްކާލައިފައެވެ.
ހުސައިން ސަލާމީ ތައާރަފު ކުރި ޑިވައިސްގެ ހަގީގަތް މިހާރުވަނީ ހާމަވެފައެވެ. ކޮރޯނާ ވައިރަސް ދެނެގަނެވޭނެ ފަދަ ކުޅަދާނަ ޑިވައިސެއް ކަމަށް ބުނެ ދައްކާފައިވަނީ އިނގިރޭސިވިލާތުގެ ފޭކު ތަކެތި އުފައްދައި ވިއްކާ ކަމަށް މަޝްހޫރު ޖޭމްސް މެކްކޯމިކް އިރާގުގެ ސެކިއުރިޓީ ފޯސް އަށް ވިއްކާފައިވާ، ފޭކު ބޮން ދެނެގަންނަ ޑިވައިސް އެކެވެ.
ސަލާމީ ވަނީ އެއީ އިރާނުގެ ބަސްޖީ މިލިޓިއާ އިން ތަރައްގީ ކޮށްފައިވާ ޑިވައިސެއް ކަމަށް ބުނެފައެވެ.
ސަލާމީ ވަނީ މިޑިވައިސްގައި ހުންނަ އެންޓެނާއިން 100 މީޓަރު ރޭޑިއަސްގައި ވައިރަސްގެ އަސަރު ހުންނަ ނަމަ ދައްކާނެ ކަމަށް ބުނެފައެވެ. އަދި އެންމެ ފަސް ސިކުންތުތެރޭ ވައިރަސް ދެނެގަތުމުގެ ގާބިލުކަން ޑިވައިސަށް ލިބިފައިވާކަމަށް ވެސް ވަނީ ބުނެފައެވެ. މި ޑިވައިސްގެ ބޭނުން ކުރަން ފެށުމުން ލޭގެ ސާމްޕަލް ނަގަން ނުޖެހޭނެ ކަމަށް ވަނީ ބުނެފައެވެ.
މުޅި ދުނިޔޭގައި މިހާރު ފެތުރެމުންދާ ކޮރޯނާވައިރަސްގެ ސަބަބުން އީރާނުން އެތައް ހާސް ބަޔަކު މަރުވެފައިވާއިރު މިހާރު ވަނީ ވައިރަސް ފެތުރި ކޮންޓްރޯލް ނުވާ ވަރަށް ނުރައްކާ ބޮޑުވެފައެވެ.