ޕެސިފިކް ކަނޑުގައި އޮންނަ ނިއު ކެލެޑޯނިއާއަށް ސުނާމީގެ އިންޒާރު ދީފިއެވެ.
ނިއު ކެލެޑޯނިއާގެ އައްސޭރިފަށުން 168 ކިލޯމީޓަރު ބޭރުން ކަނޑުގެ 10 ކިލޯމީޓަރުގެ އަޑިއަށް އައި 7.5 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމަކަށްފަހު ނިއު ކެލެޑޯނިއާގެ އައްސޭރިފަށަށް ސުނާމީ އަރާނެކަމަށް އޮފިޝަލުން އަންނަނީ ބުނަމުންނެވެ.
ޕެސިފިކް ސުނާމީ ވޯނިންގ ސެންޓަރުން ވެސް ވަނީ ސުނާމީގެ ރާޅު މޮނިޓަރ ކުރެވިފައިވާކަމަށް ބުނެފައެވެ.
މޮނިޓަރުން ވަނީ ނިއު ކެލެޑޯނިއާ އާއި ވެނަޓުއާ ގެ އައްސޭރިފަށަށް 3 ފޫޓާއި 9 ފޫޓާއި ދެމެދުގެ އުސްމިނުގެ ރާޅު އަރާނެކަމަށް ލަފާކުރެވޭކަމަށް ބުނެފައެވެ.
އަދި ފިޖީގެ އައްސޭރިފަށަށް ވެސް މި ސުނާމީގެ އަސަރު ކުރާނެ ކަމަށް ވަނީ ލަފާކޮށްފައެވެ. ނަމަވެސް ނިއުޒިލެންޑަށް މި ސުނާމީގެ އަސަރު ނުކުރާނެ ކަމަށް އެގައުމުގެ އޮފިޝަލުން ވަނީ ބުނެފައެވެ.
270،000 މީހުންގެ އާބާދީއެއް އޮންނަ ނިއު ކެލެޑޯނިއާ އޮންނަނީ ޕެސިފިކް ކަނޑުގެ މަޝްހޫރު 'ރިންގ އޮޮފް ފަޔަރ" ގެނަމުން ނަންދީފައިވާ ދުނިޔޭގެ އެންމެ ބިންހެލުން ގިނަ ސަރަހައްދުގައެވެ.