އިންތިހާބުގައި ރައްޔިތުން ނިންމި ނިންމުން ދިވެހި ސިފައިން ދަމަހައްޓާނެ ކަމުގެ ޔަގީންކަން މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ދީފިއެވެ.
އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު ކެޕްޓަން އިބްރާހިމް އާޒިމް ވިދާޅުވީ މިދިޔަ އާދީއްތަ ދުވަހު ބޭއްވި އިންތިހާބުގައި ރައްޔިތުން ގޮތް ނިންމާފައިވާ ކަމަށާއި އެ ނިންމުން ސިފައިން ދަމަހައްޓާނެ ކަމަށެވެ.
"އިންތިހާބުގައި ދިވެހި ލޮބުވެތި ރައްޔިތުން ވަނީ ގޮތް ނިންމާފައި، އެ ނިންމުން ސިފައިން ދަމަހައްޓާނެކަން ދިވެހި ލޮބުވެތި ރައްޔިތުންނަށް ދަންނަވަން،" އާޒިމް ވިދާޅުވިއެވެ.
އިންތިހާބުގައި ޕީޕީއެމްގެ ކެންޑިޑޭޓް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްއާ ވާދަކުރައްވައި، އިދިކޮޅު އިއްތިހާދުގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ކުރި ހޯއްދެވީ 58 އިންސައްތައިގެ ވޯޓު ހޯއްދަވައިގެންނެވެ. އިބޫއަށް ޖުމްލަ 134,616 ވޯޓު ލިބިވަޑައިގެންނެވި އިރު، ރައީސް ޔާމީނަށް ލިބިވަޑައިގެންނެވީ 96،132 ވޯޓެވެ.