މިހާތަނަށް ރާއްޖޭގައި ޕޮޒިިޓިވް ވި އެއްވެސް ދިވެއްސެއްގެ ހާލު ގޯސް ނޫން ކަމަށް ޑރ. ނަޒްލާ ރަފީގު ވިދާޅުވެއްޖެ އެވެ.
ރާއްޖޭގެ މުޖުތަމައު ތެރެޔަށް ކޮވިޑު ފެތުރިފައިވާ މި ހާލަތުގައި، ބަލީގެ އެންމެ ފަހުގެ މައުލޫމާތު މީޑިއާތަކަށް ދިނުމަށް މީޑިއާތަކާ އެކު ވީޑިއޯ ކޮންފަރެންސިންކޮށް ބޭއްވި ފުރަތަމަ ބައްދަލުވުމުގައި، ޑރ. ނަޒްލާ ވިދާޅުވީ، ޖުމުލަ ގޮތެއްގައި އެ އެންމެންގެ ހާލުވެސް ރަނގަޅު ކަމަށާއި އެއްވެސް މީހެއްގެ ފުށުން ބަލީގެ ސީރިއަސް އަލާމާތްތަކެއް ނުފެންނަ ކަމަށެވެ.
ޑރ. ނަޒްލާ މިހެން ވިދާޅުވި އިރު، ރާއްޖޭގައި ކޮވިޑް ޖެހިގެން ފަރުވާ ދެމުން އަންނަ މީހުންގެ ތެރޭގައި އުމުރުން ދުވަސްވީ މީހުން ނުވަތަ މާބަނޑު މީހަކު ހިމެނޭކަން މިހާތަނަށް އައި އިރު އެނގިފައެއް ނުވެއެވެ.
އެހެން ނަމަވެސް ކޮވިޑް ޖެހިފައި ވަނިކޮށް މާލޭން ފުރަތަމަ ފެނުނު އަންހެން މީހާ (ކޭސް 21) ގެ ދެ އަހަރު ނުފުރޭ ދަރިފުޅު ވަނީ ކޮވިޑް 19އަށް ޕޮޒިޓިވް ވެފަ އެވެ. އެހެން ކަމުން އެ ދެމައިންނަށް ފަރުވާދެމުން އަންނަނީ އެކުގައި ބައިތިއްބައިގެން ކަމަޑށް ރޭ އޮތް ޕްރެސްކޮންފަރެންސްގައި ކޮވިޑް 19ގެ ތަރުޖަމާނު މުހައްމަދު މަބުރޫކް އަޒީޒް ވަނީ ވިދާޅުވެފަ އެވެ.
ކޮވިޑު 19 ޖެހިފައިވާ ފުރަތަމަ މީހާ (ކޭސް 21) މާލެ ތެރޭން މިދިޔަ ބުދަ ދުވަހު ފެނިފައިވާ އިރު، މި ބަލި ޖެހިފައިވާ އިތުރު ހަތް މީހުން މިދިޔަ ދެ ދުވަސް ތެރޭ ވަނީ ފެނިފަ އެވެ.
މިކަމާއި ގުޅިގެން، މާލޭގައި ނުރައްކަލުގެ ހާލަތު ރަތަށް އަރުވާފައިވާއިރު، މުޅި ރާއްޖެ ވަނީ ލޮކްޑައުން ކޮށްފަ އެވެ. އަދި މާލޭ ސަރަހައްދުގެ ލޮކްޑައުންގެ މުއްދަތު 14 ދުވަހަށް އިތުރުކޮށް އެކަންވެސް އެޗްޕީއޭއިން މިއަދު ވަނީ އިއުލާނުކޮށްފަ އެވެ.