އިބްރާހިމް ޒަކީ
މާބޮޑަށް ބަލި ފެތުރި ކޮންޓެކްޓް ޓްރޭސިނުން ވެސް އެކަންކަން ނުބެލޭ ހިސާބަށް ގޮސްފި ނަމަ ދުނިޔޭގެ އެހެން ބައެއް ގައުމުތަކެކޭ އެއްގޮތަށް ރާއްޖޭގައިވެސް ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ހުއްޓާލަން ޖެހިދާނެ ކަމަށް ޑރ. ނަޒްލާ ރަފީގު ވިދާޅުވެއްޖެ އެވެ.
ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރުގައި، ބޭއްވި ނިއުސްކޮންފަރެންސްގައި ނޫސްވެރިޔަކު ދެންނެވި ސުވާލަކަށް ޖަވާބުދެއްވަމުން ޑރ.ނަޒްލާ ރަފީގު ވިދާޅުވީ، ކޮވިޑް 19 އަށް ޝައްކު ކުރެވޭ ކޭސްތަކާއި، ކޮވިޑް 19 ޖެހިގެން މިހާރު ފެނިފައިވާ ކޭސްތަކުގެ ތެރެއިިން، ކޮންޓެކްޓް ވެފައިވާ ފަރާތްތައް މޮނިޓާކޮށް ޓެސްޓުކުރަމުން އަންނަ ކަމަށެވެ. ޢަދި އޭގެ ތެރެއިން ރޯގާގެ އެއްވެސް ކަމެއް ހުންނަ ފަރާތެއް ނަމަ ފްލޫ ކްލިނިކަށް ފޮނުވަމުން ގެންދާ ކަމަށްވެސް ޑރ. ނަޒްލާ ވިދާޅުވިއެވެ.
ޑރ. ނަޒްލާ ވިދާޅުވީ، އަދިވެސް ކުރިއަށްގެންދަން އޮތް ވިސްނުމަކީ، މިހާރުހުރި ވަރުންވެސް ކޮންމެ ކޭސްއެއްގެ ކޮންޓެކްޓް ޓްރޭސިން ހެދުމާއި ކޮންޓެކްޓް ހޯދައި، އެކަހެރިކުރުމާއި، ބަލި އަރާފައިވޭތޯ ބަލައި ހޯދުން ކަމަށެވެ.
ނަމަވެސް އެހެންް ގައުމުތަކުގައި ކަންތައް ކުރާގޮތަށް، ބަލި ވަރަށްބޮޑަށް ފެތުރިގެން ގޮސް، ވަކި ހިސާބަކަށް ދިއުމުން ކޮންޓެކްޓް ޓްރޭސިންގެ މަސއްކަތް މަޑުޖައްސާލަން ޖެހިދާނެ ކަމަށްވެސް ވިދާޅުވިއެވެ.
ނަމަވެސް މިވަގުތު އޮތީ އެގޮތަށް ނޫން ކަމަށާއި، މިހާރުވެސް ކުރިއަށްގެންދާގޮތަށް، ޕޮޒިޓީވްވި މީހުންގެ ކޮންޓެކްޓް ޓްރޭސިން ހަދައި ބައްޔަށް ޝައްކުވާ މީހުން ޓެސްޓްކޮށް މޮނިޓާކުރުމުގެ މަަސައްކަތް އަދިވެސް ކުރިއަށްގެންދާނެ ކަމަށާއި، މިވަރުން އަދި އެކަންތައް ކުރިއަށްގެންދެވޭނެ ކަމަށް ޑރ.ނަޒްލާ ވިދާޅުވިއެވެ.
ނަޒްލާ މިހެން ވިދާޅުވެފައިވާއިރު، މިދިޔަ ބުދަދުވަހު މާލޭން ކޮވިޑް ޖެހުނު ފުރަތަަމަ މީހާ ފެނިގެން މިހާތަނަށް އައިއިރު، އަށް މީހަކު މާލޭން މިބައްޔަށް ވަނީ ޕޮޒިޓިވްވެފައެވެ. އަދި އެމީހުންނާ ކޮންޓެކްޓްވި 300 އަށްވުރެ ގިނަ މީހުުން ވަނީ ކަރަންޓީންކޮށް ޓެސްޓް ކުރުމުގެ މަސައްކަތް ފަށައިފައެވެ.