ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)

ކޮވިޑް ޖެހުނު އެއްވެސް ބަޔަކާ ރައީސް ސޯލިހު ނުވަތަ ފަސްޓްލޭޑީ ބައްދަލުވިކަން އެނގިފައެއް ނެތް: ނަޒްލާ

މަރިޔަމް ޝަހުދާ

ކޮވިޑް ޖެހުނު އެއްވެސް ބަޔަކާ ރައީސް ސޯލިހު ނުވަތަ ފަސްޓްލޭޑީ ބައްދަލުވިކަން އެނގިފައި ނެތް ކަމަށް ޑރ. ނަޒްލާ ރަފީގު ވިދާޅުވެއްޖެއެވެ.

ޑރ. ނަޒްލާ މިހެން ވިދާޅުވީ މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.

އެގޮތުން ކޮވިޑް 19 އަށް ޕޮޒިޓިވްވި އެއްވެސް މީހަކު ހުރި ތަނަށް ފަސްޓްލޭޑީ ވަޑައިގެންނެވިތޯ ނުވަތަ އެފަދަ މީހަކާ ފަސްޓްލޭޑީއާ ބައްދަލުވިކަމުގެ މައުލޫމާތެއް ލިބިފައިވޭތޯ ނޫސްވެރިޔާ ސުވާލުކުރިއެވެ.

މި ސުވާލަށް ޖަވާބުދެއްވަމުން ޑރ. ނަޒްލާ ވިދާޅުވީ މިހާތަނަށް އެފަދަ މައުލޫމާތެއް ލިބިފައި ނުވާ ކަމަށެވެ. އަދި މިކަމާ ގުޅިގެން ޑރ. ނަޒްލާ އިތުރު އެއްޗެއް ވިދާޅެއް ނުވެއެވެ.

މާލޭން ކޮވިޑު ޖެހުނު މީހުންނަށް ބަލާ އިރު ބަލި އޮތީ ތިން ކުރިޔަކަށް ފެތުރިފައި ކަމަށްވެސް މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ނަޒްލާ ވިދާޅުވިއެވެ. އަދި މި އެންމެންގެ ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ނަޒްލާ ވިދާޅުވިއެވެ.