ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)

ދިރާސާއިން ދައްކާ ގޮތުގައި ޕީކަށްއަރަން 14 ދުވަސް ނަގާނެ، ކުރިޔަށް އޮތީ ސީރިއަސް ދުވަސްތަކެއް: ނަޒްލާ

މަރިޔަމް ޝަހުދާ

ކޮވިޑް19 އާއި ގުޅިގެން ހަދާފައި އޮތް ދިރާސާއިން ދައްކާ ގޮތުގައި ރާއްޖޭގައި މިބަލި ޕީކަށް އަރަން 14 ދުވަސް ނަގާނެ ކަމަށާއި ކުރިޔަށް އޮތީ ސީރިއަސް ދުވަސްތަކެއް ކަމަށް ޑރ. ނަޒްލާ ރަފީގު ވިދާޅުވެއްޖެއެވެ.

ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ޑރ. ނަޒްލާ ވިދާޅުވީ ކޮވިޑް 19 އާއި ގުޅިގެން ކުރިން ރާއްޖޭގައި ހެދި މޮޑެލިންގް އަށް ފުރަތަމަ ފުރަތަމަ ކޮމިއުނިޓީ ކޭސްތައް ފެނުމާއެއްކޮށް އެ ކޭސްތައް ލައިގެން އިތުރު މޮޑެލިންއެއް ތައްޔާރުކޮށްފައިވާ ކަމަށެވެ. އަދި އޭގެން ދައްކާގޮތުން ނަމަ ފުރަތަމަ ކޮމިއުނިޓީ ކޭސްއެއް ފެންނަތާ ގާތްގަނޑަކަށް 14 ދުވަސްތެރޭ ޕީކަށް ދާނެ ކަމަށް ބެލެވޭ ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.

ޑރ. ނަޒްލާ ވިދާޅުވީ ކުރިއަށް އޮތީ ވަރަށް ސަމާލުވެގެން ތިބެން ޖެހޭ ދުވަސްވަރެއް ކަމަށެވެ. އަދި ކުރިއަށް އޮތް ދުވަސްވަރަކީ ބުރަ މަސައްކަތެއް ކުރަން ޖެހޭނެ ދުވަސްތަކެއް ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.

މީގެ އިތުރުން ބަލީގެ އަލާމާތްތަކެއް ފެންނަ ފަރާތްތަކުން ވީހާވެސް އަވަހަށް ކަމާ ބެހޭ ފަރާތްތަކާއި މައުލޫމަތު ހިއްސާކުރުމަށް ޑރ. ނަޒްލާ އެދިވަޑައިގެންނެވިއެވެ. އަދި އިތުރު މައުލޫމާތު ލިބޭ ވަރުން މީހުން ޓެސްޓު ކުރަމުން ގެންދާނެ ކަމަށާއި، އެމީހުންގެ ތެރެއިން އައިޑެންޓިފައި ކުރެވޭ ހުރިހާ ކޮންޓެކްޓުންގެ ތެރެއިން ޕޮޒިޓީވް ކޭސްއެއްގެ ސީދާ ކޮންޓެކްޓަކަށް ވެއްޖެ ނަމަ އެމީހެއްގެ އަލާމާތްތައް ހުއްޓަސް ނެތަސް ޓެސްޓު ކުރަމުން އަންނަ ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.

ޑރ. ނަޒްލާ ވިދާޅުވީ މިހާގިނަ ކޭސްތައް ހުރީ މިސަބަބާ ގުޅިގެން ކަމަށެވެ. އަދި މިއީ ވަރަށް ހަލުވި ކަމާއެކު މަސައްކަތް ކުރަންޖެހޭ ދަނދިވަޅެއް ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.

ރާއްޖެއިން މިހާތަނަށް ކޮމިއުނިޓީ ސްޕްރެޑްގެ ގޮތުގައި އަށް ކޭސްއެއް ފެނިފައިވެއެވެ. މީގެތެރޭ ތިން ކުރިއެއް އުޅޭ ކަމަށް ޑރ. ނަޒްލާ ވިދާޅުވިއިރު، މިހުރިހާ ކޭސްއެއް ފެނިފައިވަނީ މާލެއިންނެވެ. އަދި މާލެއިން ބައްޔަށް ޕޮޒިޓިވްވެފައިވަނީ ހުސް ދިވެހިންނެވެ.