އެންމެ ފަހުން މާލޭން ކޮވިޑަށް ޕޮޒިޓިވް ވި ދެމީހުންނަކީ ވެސް ރޯގާގެ އަލާމާތް ހުރެގެން ފްލޫ ކްލިނިކަށް ގޮސް ދެއްކި މީހުން ކަމަށް ޑރ. ނަޒްލާ ރަފީގު ވިދާޅުވެއްޖެއެވެ.
މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ޑރ. ނަޒްލާ ވިދާޅުވީ މާލެއިން ފަހުން ޕޮޒިޓިވްވި ދެމީހުންވެސް ޓެސްޓު ކުރީ ފްލޫ ކްލިނިކަށް ދެއްކުމުން ކަމަށެވެ.
އެގޮތުން މި ދެމީހުންވެސް ޓެސްޓުކޮށްފައިވަނީ ރޯގާގެ އަލާމާތްތައް ހުރުމުން ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ. އަދި ކުރިން މާލެއިން ކޮވިޑް 19 އަށް ޕޮޒިޓިވްވި އެއްވެސް މީހަކާ މި ދެމީހުން ދިމާވެފައިވާކަން މިހާތަނަށް ކަށަވަރު ނުވާ ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.
މާލެއިން ކޮވިޑް 19 އަށް މީހަކު ފުރަތަމަ ޕޮޒިޓިވްވީ މިދިޔަ ބުދަ ދުވަހުއެވެ. ޕޮޒިޓިވްވި އެ އަންހެން މީހާ (ކޭސް 21) ގެ ތުއްތު ދަރިފުޅުު (ކޭސް 22) ވެސް ކޮވިޑަށް ޕޮޒިޓިވްވިކަން އެދުވަހު އެނގުނެވެ. އަދި މިހާރު މާލެއިން ޕޮޒިޓިވްވު މީހުންގެ ޖުމްލަ އަދަދު ވަނީ އަށަކަށް އަރައިފައެވެ.