އިބްރާހިމް ޒަކީ
ކޮވިޑް ޖެހިފައި ތިއްބާ މާލޭން ފެނުނު ފަހު ދެމީހުންނާ ބައްދަލުވި ތިން ސަތޭކައެއްހާ މީހުން ތިބިކަން ފާހަގަވެފައިވާކަމަށް ޑރ. ނަޒްލާ ރަފީގު ވިދާޅުވެއްޖެއެވެ.
ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރުގައި، ބޭއްވި ނިއުސްކޮންފަރެންސްގައި ކޮވިޑް 19 އާ ގުޅޭ އެންމެ ފަހުގެ މައުލޫމާތުދެއްްވަމުން ޑރ. ނަޒްލާ ވިދާޅުވީ، ކޮވިޑް 19 އަށް މަލޭން ޕޮޒިޓިވްވި މީހުންގެ ތެރެއިން ފުރަތަމަ މީހާ (ކޭސް 21) އާއި ދެވަނައަށް ފެނުނު ކުއްޖާ (ކޭސް 22) އަދި ތިންވަނައަށް ޕޮޒިޓިވްވި މީހާ (ކޭސް 23)، މި ތިންކޭހުގެ ކޮންޓެކްޓުންގެ ގޮތުގައި، 305 މީހުން ފެނިފައިވާ ކަމަށެވެ.
އޭގެ ތެރޭގައި ހިމެނެނީ، ސީދާކޮށް ކޮންޓެކްޓްވި 157 މީހުންނާއި، ސެކަންޑަރީ ކޮންޓެކްޓްގެ ގޮތުގައި ހިމެނޭ 148 މީހުން ކަމަށްވެސް ވިދާޅުވިއެވެ.
އޭގެ ތެރެއިން ބަލީގެ އަލާމާތްތައް ހުރިމީހުންގެ ސާމްޕަލް ނަގައި ޓެސްޓްކުރަމުން އަންނަ ކަމަށްވެސް ވިދާޅުވިއެވެ.
ޑރ. ނަޒްލާ ވިދާޅުވީ، އޭގެ އިތުރުން އިއްްޔެ މާލޭން ޕޮޒިޓީވްވި މީހުންނާއި މިއަދު ޕޮޒިޓިވްވި މީހުންގެ ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތްވެސް ކުރިއަށްގެންދާ ކަމަށެވެ.
ޑރ. ނަޒްލާ އިތުރަށް ވިދާޅުވީ، މި މައްސަލައިގައި، މިއަދު އިތުރު ހަތަރު ތަނެއް މާލޭން މޮނިޓަރިންއަށް ގެނަސްފައިވާ ކަމަށެވެ. އެއީ މ. ވީނަސް މ. ފްލައިޓްވިއުގެ އިތުރުން ހ. ޕާކުސައިޑް އާއި މަލޭ ސްކުއާ ކަމަށްވެސް ޑރ.ނަޒްލާ ވިދާޅުވިއެވެ.