ކޮންޓެކްޓް ޓްރޭސިންއަށް ސައްހަ މައުލޫމާތު ދެއްވުމަށާއި ލަސްވާ ވަގުތުގައި އެތައް ބަޔަކަށް ބަލި ޖެހުމުގެ ފުރުސަތު އޮންނާނެ ކަމަށް ޑރ. ނަޒްލާ ރަފީގު ވިދާޅުވެއްޖެއެވެ.
ޑރ. ނަޒްލާ މިހެން ވިދާޅުވީ މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުންނެވެ.
އެގޮތުން މާލެއިން އެންމެ ފުރަތަމަ ކޮވިޑް 19 އަށް ޕޮސިޓިވްވި ތިން މީހުންގެ ކޮންޓެކްޓް ޓްރޭސިންގެ ޖުމްލަ އަދަދަކީ 305 މީހުންކަން ޑރ. ނަޒްލާ ފާހަގަކުރެއްވިއެވެ. މީގެ ތެރެއިން 157 ޑައިރެކްޓް ކޮންޓެކްޓު ފާހަގަވި ކަމަށާއި ބާކީ 148 މީހުންނަކީ ސެކަންޑަރީ ކޮންޓެކްޓުން ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ. އަދި މި މީހުންގެ ސާމްޕަލް ނަގައި ޓެސްޓު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.
މީގެ އިތުރުން ކޮންޓެކްޓް ޓެރޭސިންގެ މަސައްކަތް ކުރާއިރު، ހުރިހާ ބޭފުޅުންވެސް ތެދު މައުލޫމާތުދެއްވުމަށް ޑރ. ނަޒްލާ އެދިވަޑައިގެންނެވިއެވެ. ޑރ. ނަޒްލާ ވިދާޅުވީ ރަނގަޅު މައުލޫމާތު ނުލިބި ހޭދަވާ ކޮންމެ މިނެޓަކީވެސް އިތުރު އެހެން މީހަކަށް ބަލި ޖެހުމުގެ ފުރުސަތު އޮންނަ ވަގުތެއް ކަމަށެވެ.
ޑރ. ނަޒްލާ ވިދާޅުވީ ކޭސް އެއް އައިޑެންޓިފައި ވުމާއެކު ވީހާވެސް އަވަހަކަށް އެމީހާގެ ހުރިހާ ކޮންޓެކްޓުތައް ހޯދުމަށް މަސައްކަތް ކުރާ ކަމަށެވެ. އަދި އެކަން ވާނީ ސައްހަ މައުލޫމާތު ލިބިގެންކަން ޑރ. ނަޒްލާ ފާހަގަކުރެއްވިއެވެ. އަދި ސައްހަ މައުލޫމާތު ނުލިބޭ ނަމަ ޑޮކްޓަރުންގެ މަސައްކަތުގައި ދަތިތަކާ ކުރިމަތިވެ އިތުރަށް ބަލި ޖެހުމުގެ ފުރުސަތު ބޮޑުވާ ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.
މިހާތަނަށް މާލެއިން އަށް މީހަކު ވަނީ ކޮވިޑް 19 އަށް ޕޮސިޓިވް ވެފައެވެ.