މާލޭގައި ފެތުރަމުންދާ ކޮވިޑް 19 އާ ގުޅިގެން، މާޅޭ ޖަލަށް ގެންދާ ބަންދުގައި ތިބޭ މީހުންނާއި، ގައިދީން ޖަލަށް ގެންދާ ފުރަތަމަ 14 ދުވަސް ވަންދެން އެކަހެރިކޮށް ވަކި ގޮޅިތަކެއްގައި ބައިތިއްބަން ހަމަޖައްސާފައިވާ ކަމަށް، ކޮމިޝަނަރު އޮފް ޕްރިޒަންސް އަހުމަދު މުހައްމަދުފުޅު ވިދާޅުވެއްޖެއެވެ.
ރާއްޖެޓީވީއަށް ދެއްވި އިންޓަވިއުއެއްގައި ކޮމިޝަނަރު އަހުމަދު މުހައްމަދު ފުޅު ވިދާޅުވީ، އެގޮތަށް ގެންދާ މީހުން އެހެން ގައިދީން ތިބޭ ގޮޅިތަކަށް ނުލާނެ ކަމަށެވެ. އަދި މި 14 ދުވަސް ތެރޭގައި އެމީހުންގެ ގައިން އެއްވެސް އަލާމާތެއް ފެނޭތޯ ކަށަވަރުކުމުގެ މަސައްކަތްތައް ކުރިއަށް ގެންދާނެ ކަމަށް މުހައްމަދުފުޅު ވިދާޅުވިއެވެ.
ކޮމިޝަނަރު ވިދާޅުވީ ކޮވިޑް 19އާ ގުޅިގެން މޯލްޑިވްސް ކަރެކްޝަންސް ސާވިސްއިން ރައްކާތެރިވުމުގެ ގޮތުން ފިޔަވަޅުތަކެއް އަޅަމުން އަންނަ ކަމަށެވެ. އެގޮތުން މާލެ ޖަލާއި، ހުޅުމާލެ ޖަލު ރެޑް އެލާޓް ލެވެލަށް ގެނެސްފައިވާ ކަމަށް ވިދާޅުވިއެވެ.
ލޮކްޑައުންގެ ހާލަތަށް މާލެ ދިއުމާއެކު ޖަލުގައި ތިބި މުވައްޒަފުން ޖަލުގައި ތިބެންޖެހޭ ގޮތަށް ހުރިހާ އިންތިޒާމުތައް ހަމަޖައްސާފައިވާ ކަމަށާއި، ކޮންމެހެން ނުކުންނަން މަޖުބޫރީ ހާލަތެއްގައި އެކަމަށްވެސް އިންތިޒާމުތައް ހަމަޖެހިގެންދާނެ ކަމަށް ވިދާޅުވިއެވެ.
މުހައްމަދުފުޅު ވިދާޅުވީ ގައިދީންނާއި މުވައްޒަފުންނަށް ބޭނުންވާ ތަކެތި ޖަލުތަކަށް ފޯރުކޮށްދެމުން އަންނަ ކަމަށެވެ. އެކަށީގެންވާ މިންވަރަށް މާސްކާއި، ސާފުކުރުމަށް ބޭނުންވާ ސާމާނު ފަދަ ތަކެތި ހުރި ކަމަށްވެސް އޭނާ ވިދާޅުވިއެވެ. އަދި ޖަލުތަކުގައި ތިބި ގައިދީންގެ ޗެކަޕް ހެދުމުގެ މަސައްކަތްތައް ކުރިއަށްދާ ކަމަށްވެސް ވިދާޅުވިއެވެ.
އެގޮތުން ރެގިއުލާކޮށް ހުމަށް ޗެކްކުރުގެ މަސައްކަތް މެޑިކަލް ޑޮކްޓަރުންނާއި ނަރުހުން ކުރިއަށް ގެންދާ ކަމަށްވެސް ވިދާޅުވިއެވެ.