ކުއްލި ޚަބަރު

މާލެ ސަރަހައްދު 14 ދުވަހަށް ލޮކްޑައުން ކޮށްފި

މާލޭ ސަރަހައްދަށް އިއުލާންކުރި ލޮކްޑައުންގެ މުއްދަތު 14 ދުވަހަށް އިތުރުކޮށްފި އެވެ.

ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު މިއަދު ނެރުއްވި އެންގުމުގައި ބުނެފައިވަނީ، މިއަދު މެންދުރު 1:15 އިން ފެށިގެން 14 ދުވަހުގެ މުއްދަތަށް މާލެ، ހުޅުމާލެ އަދި ވިލިމާލޭގައި އެއްގަމު އުޅަނދުފަހަރު ދުއްވުމާއި، މަގުމައްޗާއި އާންމު ތަންތަނަށް ނިކުތުން މަނާކުރާ ކަމަށެވެ.

އޭގެ އިތުރުން މާލެ ސަރަހައްދުގައި ޕަބްލިކް ޓްރާންސްޕޯޓް (ބަހާއި ފެރީ)ގެ ހިދުމަތް ހުއްޓާލުމަށާއި މާލެ، ހުޅުމާލެ، ވިލިމާލޭގެ އިތުރުން ތިލަފުއްޓާއި ގުޅީފަޅަށް މީހުން އަރައި ފޭބުން ހުއްޓާލުމަށް އެންގުމުގައިވެއެވެ.

ނަމަވެސް ސިފައިންނާއި ފުލުހުން، ސިއްހީ ހިދުމަތް ދޭ އިދާރާތަކުގެ މުވައްޒަފުންނާއި އެ މުވައްޒަފުން ދުއްވާ އުޅަނދުފަހަރު، އެމްބިއުލާންސް، ނޭޝަނަލް އިމެޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)ގެ ފާސް ލިބިފައިވާ ފަރާތްތަކާއި މީޑިއާތަކުގެ އިތުރުން ފުލުހުން ހުއްދަދޭ ފަރާތްތައް މިފިޔަވަޅުތަކުން އިސްތިސްނާވާނެ ކަމަށް އެންގުމުގައި ބުނެފައި ވެއެވެ.

އެންގުމުގައި އިތުރަށް ބުނެފައިވަނީ، އިސްތިސްނާ ހާލަތްތަކުގެ އިތުރުން، ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތު ކަނޑައަޅާ ހާއްސަ ހާލަތްތަކެއްގައި އޭނާ އަންގާ ގޮތެއްގެ މަތިން އަމަލުކުރެވޭނެ ކަމަށެވެ.

ލޮކްޑައުންގައި އަޅަން ނިންމި ފިޔަވަޅުތައް ތަންފީޒުކުރުމުގައި ވަގުތަށާއި ހާލަތަށް ރިއާޔަތްކޮށް، އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް އެޅުމާއި ޒަރޫރީ ބޭނުންތަކަށް މަގުފަހިކޮށްދިނުމުގެ ކަންކަން ހަމަޖައްސާނީ ފުލުހުންނާއި ކަމާބެހޭ އެހެނިހެން މުއައްސަސާތަކުން ކަމަށް ވެސް ބުނެފައިވެއެވެ.