މާލޭން 7 ވަނަ މީހަކު ކޮވިޑް 19 އަށް ޕޮޒިޓިވް ވެއްޖެއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) މިއަދު ކުރި ޓުވީޓެއްގައި ބުނީ، ކޮވިޑް 19 އަށް މާލޭން މިއަދު ޕޮޒިޓިވް ވި ދެވަނަ މީހަކު ފެނިއްޖެ ކަމަށާއި، އެއީ މިދިޔަ ބުދަ ދުވަހު މަލޭން ކޮވިޑް 19 އަށް އަލަށް މީހަކު ޕޮޒިޓިވްވި ފަހުން މިހާތަނަށް މާލޭން ޕޮޒިޓިވް ވި ހަތްވަނަ މީހާ ކަމަށެވެ.
އެޗްޕީއޭއިން މީގެ ކުޑައިރުކޮޅެއް ކުރިން ބުނެފައިވަނީ ކޮވިޑް 19 އަށް މާލޭން ޕޮޒިޓިވް ވި ހަތްވަނަ މީހާ ފެނިފައިވާ ކަމަށާއ، އެމީހާ އައިސޮލޭޝަނަށް ގެންދިއުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
ކޮވިޑް 19 އަށް ޕޮޒިޓިވް ވި ހަތް ވަނަ މީހާއަކީ ކާކާ ކޮންޓެކްޓް ވެފައިވާ މީހެއްކަން އެޗްޕީއޭއިން ބުނެފައެއް ނުވެއެވެ.
މާލެއިން ކޮވިޑް 19 އަށް ފުރަތަމަ މީހަކު ޕޮޒިޓިވް ވީ މިދިޔަ ބުދަ ދުވަހުއެވެ. ޕޮޒިޓިވް ވި އެ އަންހެން މީހާ (ކޭސް 21) ގެ ތުއްތު ދަރިފުޅުު (ކޭސް 22) ވެސް ކޮވިޑަށް ޕޮޒިޓިވް ވިކަން އެދުވަހު އެނގުނެވެ.
މާލެއިން ކޮވިޑް 19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު 7 އަށް އަރާފައިވާއިރު، ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވް ވި މީހުންގެ އަދަދު ވަނީ 27 އަށް އަރައިފައެވެ. އޭގެ ތެރެއިން މިހާތަނަށް 16 މީހުން ބަލިން ރަނގަޅުވެފައިވާ އިރު، ދެ މީހަކު ޕޮޒިޓިވް ވިކަން އެނގުނީ އެމީހުން ފުރި ފަހުންނެވެ. ރާއްޖޭގައި މިހާރު ކޮވިޑަށް ފަރުވާދެމުން އަންނަނީ 9 ދިވެއްސަކަށެވެ.
މުޖުތަމައު ތެރެޔަށް ކޮވިޑް 19 ފެތުރުމާއި ގުޅިގެން މިދިޔަ ބުދަ ދުވަހު މާލެ ލޮކްޑައުން ކުރުމަށްފަހު، މިހާރު ވަނީ މުޅި ރާއްޖެ ވެސް ލޮކްޑައުން ކޮށްފަ އެވެ.