ކުއްލި ޚަބަރު

ލޮކްޑައުންގެ ހާލަތުގައިވެސް މަސްވެރިންނަށް މަހަށް ފުރޭނެ، މަސްކިރަން ބަނދަރުކުރާ ރަށަކަށް ނުފޭބޭނެ

މަރިޔަމް ޝަހުދާ

ކޮވިޑް 19 އާއި ގުޅިގެން މުޅި ރާއްޖެ ލޮކްޑައުން ކޮށްފައި އޮތް ނަމަވެސް މަސްވެރިންނަށް މަހަށް ފުރޭނެ ކަމަށާއި އެހެން ނަމަވެސް މަސްކިރަން ބަނދަރުކުރާ ރަށްރަށަށް ނުފޭބޭނެ ކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެފި އެވެ.

ފިޝަރީޒް މިނިސްޓްރީން ބުނީ، މަހަށް ފުރާ އޮޑިދޯނިފަހަރު މަސް ދަތުރު ނިންމުމަށް ފަހު އެ އުޅަނދެއް ނިސްބަތްވާ ރަށަކަށް އަނބުރާ ދާން ޖެހޭނެ ކަމަށާއި އެހެން ރަށަކަށް ދަތުރު ކުރުމުގެ ހުއްދައެއް ނެތް ކަމަށެވެ.

މީގެ އިތުރުން މަސްވެރިން މަހަށް ފުރުމަށް ހަމަޖައްސާފައިވާ އިންތިޒާމުތަކާއި ގުޅޭގޮތުން އެޗްޕީއޭ އަދި ކަމާ ބެހޭ އިދާރާތްތަކުން ތަފްސީލު ފޯރުކޮށްދޭނެ ކަމަށާއި އެފަރާތްތަކުން ދޭ މައުލޫމާތާއި އިރުޝާދުތަކާއި އެއްގޮތަށް އަމަލު ކުރުމަށް ފިޝަރީޒް މިނިސްޓްރީން އިލްތިމާސް ކޮށްފައި ވެއެވެ.

މިކަމާ ގުޅިގެން "ވަން އޮންލައިން" އަށް މައުލޫމާތު ދެއްވަމުން ކޮވިޑް 19އާ ގުޅޭ މައުލޫމާތުދިނުމަށް ސަރުކާރުން ކަނޑައެޅި ތަރުޖަމާނު މުހައްމަދު މަބްރޫކު އަބްދުލް އަޒީޒް ވިދާޅުވީ މަސްވެރިން އަމަލު ކުރަން ޖެހޭނީ މިހާރުވެސް އެޗްޕީއޭއިން ދީފައިވާ އިރުޝާދުތަކަށް ކަމަށެވެ.

އެގޮތުން މަސްވެރިންނަށް އެއްވެސް އެހެން ރަށަކަށް ނުފޭބޭނެ ކަމަށާއި ފިޝަރީޒް މިނިސްޓްރީން މައުލޫމާތު ދިން ފަދައިން މަސް ކިރުމަށް ދާ ރަށަށްވެސް މަސްވެރިންނަށް ނުފޭބޭނެ ކަމަށް މަބްރޫކު ވިދާޅުވިއެވެ.

މުޖުތަމައު ތެރެޔަށް ކޮވިޑް 19 ފެތުރުމާއި ގުޅިގެން މިދިޔަ ބުދަ ދުވަހު މާލެ ލޮކްޑައުން ކުރުމަށްފަހު، މިހާރު ވަނީ މުޅި ރާއްޖެ ވެސް ލޮކްޑައުން ކޮށްފަ އެވެ.