ކުއްލި ޚަބަރު

މާލޭން 6 ވަނަ މީހަކު ކޮވިޑް 19 އަށް ޕޮޒިޓިވް ވެއްޖެ

އިބްރާހިމް ޒަކީ

މާލޭން 6 ވަނަ މީހަކު ކޮވިޑް 19 އަށް ޕޮޒިޓިވް ވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ދެންމެ ކުރި ޓުވީޓެއްގައި ބުނީ އެމީހާ އަކީ ކޮވިޑް 19 އަށް މާލޭން ޕޮޒިޓިވް ތިންވަނަ މީހާ (ކޭސް:23) ގެ ޑައިރެކްޓް ކޮންޓެކްޓެއްގެ ފަރާތުން ބަލީގެ އަލާމާތްތައް ފެނިގެން ހެދިޓެސްޓުން ޕޮޒިޓިވް ވި މީހެއް ކަމަށެވެ.

އެޗްޕިއޭއިން ބުނީ މިއީ، މާލެއިން މި ބައްޔަށް ޕޮޒިޓިވްވި ހަވަނަމީހާ ކަމަށާއި، އެމީހާ އައިސޮލޭޝަނަށް ގެންދިއުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

އެމީހާ (ކޭސް 23) އާ ކޮންޓެކްޓްވި ދެމީހަކު ކޮވިޑް 19 އަށް ޕޮޒިޓިވް ވެފައިވާ ކަމަށް ރޭ ދަންވަރުވެސް އެޗްޕީއޭއިން ވަނީ ބުނެފައެވެ.

މާލެއިން ކޮވިޑް 19 އަށް ފުރަތަމަ މީހަކު ޕޮޒިޓިވްވީ މިދިޔަ ބުދަ ދުވަހުއެވެ. ޕޮޒިޓިވް ވި އެ އަންހެން މީހާ (ކޭސް 21) ގެ ތުއްތު ދަރިފުޅުު (ކޭސް 22) ވެސް ކޮވިޑަށް ޕޮޒިޓިވް ވިކަން އެދުވަހު އެނގުނެވެ.

އެހެންކަމުން ކޮވިޑް 19 އަށް މާލޭން ޕޮޒިޓިވް ވި ތިންވަނަ މީހާ (ކޭސް 23)އާ ކޮންޓެކްޓްވި ތިންމީހަކު މިހާތަނަށް އެވަނީ ކޮވިޑް 19 އަށް ޕޮޒިޓިވް ވެފައެވެ.

މާލެއިން ކޮވިޑް 19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު 6 އަށް އަރާފައިވާއިރު، ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވް ވި މީހުންގެ އަދަދު ވަނީ 26 އަށް އަރައިފައެވެ. އޭގެ ތެރެއިން މިހާތަނަށް 16 މީހުން ބަލިން ރަނގަޅުވެފައިވާ އިރު، ދެ މީހަކު ޕޮޒިޓިވް ވިކަން އެނގުނީ އެމީހުން ފުރި ފަހުންނެވެ. ރާއްޖޭގައި މިހާރު ކޮވިޑަށް ފަރުވާދެމުން އަންނަނީ 8 ދިވެއްސަކަށެވެ.

މުޖުތަމައު ތެރެޔަށް ކޮވިޑް 19 ފެތުރުމާއި ގުޅިގެން މިދިޔަ ބުދަ ދުވަހު މާލެ ލޮކްޑައުން ކުރުމަށްފަހު، މިހާރު ވަނީ މުޅި ރާއްޖެ ވެސް ލޮކްޑައުން ކޮށްފަ އެވެ.