ކުއްލި ޚަބަރު

މާލެއިން ތިންވަނައަށް ޕޮޒިޓިވްވި މީހާއާ ބައްދަލުވި ދެ މީހަކު ކޮވިޑަށް ޕޮޒިޓިވް، މާލެއިން ޕޮޒިޓިވްވީ މީހުންގެ އަދަދު ފަހަކަށް

މާލެއިން ތިންވަނައަށް ޕޮޒިޓިވްވި މީހާއާ ބައްދަލުވި ދެ މީހަކު ކޮވިޑް 19އަށް ޕޮޒިޓިވްވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ މާލެއިން ތިންވަނައަށް ޕޮޒިޓިވްވި މީހާއާ ބައްދަލުވެފައިވާ ދެ މީހެއްގެ ސާމްޕަލް ޕޮޒިޓިވްވެފައިވާ ކަމަށެވެ.

އެ ދެ މީހުން ތިބީ ކަރަންޓީނު ފެސިލިޓީއެއްގައި ކަމަށާއި ޕޮޒިޓިވްވުމުން އެ ދެ މީހުން އައިސޮލޭޝަން ފެސިލިޓީއަކަށް ބަދަލުކުރުމުގެ މަސައްކަތްކުރަމުން އަންނަ ކަމަށް އެޗްޕީއޭ އިން މައުލޫމާތުދެއެވެ.

އެ ދެ މީހުން ޕޮޒިޓިވްވުމާއެކު މާލެއިން ޕޮޒިޓިވްވީ މީހުންގެ އަދަދު ވަނީ ފަހަކަށް އަރައިފައެވެ. މާލެއިން ޕޮޒިޓިވްވި ދެވަނަ މީހާއާއި ތިންވަނަ މީހަކީ މާލެއިން ޕޮޒިޓިވްވި ފުރަތަމަ މީހާއާ ބައްދަލުވެފައިވާ ދެ މީހުންނެވެ. ދެވަނައަށް ޕޮޒިޓިވްވީ މާލެއިން ފުރަތަމަ ޕޮޒިޓިވްވި މީހާގެ ދެ އަހަރު ނުފުރޭ ދަރިފުޅެވެ.

މާލެއިން ޕޮޒިޓިވްވީ ފަސް މީހުންނާއެކު ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 25 އަށް އަރައިފައެވެ. އޭގެ ތެރެއިން މިހާތަނަށް 16 މީހުން ބަލިން ރަނގަޅުވެފައިވާ އިރު، ދެ މީހަކު ޕޮޒިޓިވްވިކަން އެނގުނީ އެމީހުން ފުރި ފަހުންނެވެ. ރާއްޖޭގައި މިހާރު ކޮވިޑަށް ފަރުވާދެމުން އަންނަނީ ހަތް ދިވެއްސަކަށެވެ.