ސިވިލް ސާވިސް ކޮމިޝަން

އިންތިހާބާ ގުޅިގެން ސަސްޕެންޑު ކުރި މުވައްޒަފުންނަށް ލިބޭ ގެއްލުންތަކަށް ހައްލު ހޯދުމަށް ސީއެސްސީން ކޯޓަށް ދަނީ

އިންތިހާބަށް ކުރިމަތިލުމާ ގުޅިގެން ސަސްޕެންޑު ކުރި ސިވިލް ސާވިސް މުވައްޒަފުންނަށް ލިބެމުންދާ ގެއްލުންތަކަށް ހައްލު ހޯދުމަށް ކޯޓަށް މައްސަލަ ހުށަހަޅަން ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން ނިންމައިފިއެވެ.

ކޮވިޑް 19އާ ގުޅިގެން އިއުލާނުކޮށްފައިވާ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކުރުމާ ގުޅިގެން ގާނޫނުން އިލެކްޝަންސް ކޮމިޝަނަށް ލިބިދޭ ބާރުގެ ދަށުން އެ ކޮމިޝަނުން ވަނީ ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުން ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބު މިމަހުގެ 18އަށް ފަސްކޮށްފައެވެ. އެ ތާރީހަށްވުރެ އިތުރަށް އިންތިހާބު ފަސްކުރުމުގެ ބާރު އިލެކްޝަންސް ކޮމިޝަނަކަށް ނުލިބެއެވެ.

އެހެންކަމުން އަންނަ އަހަރުގެ ޖެނުއަރީ ހަޔަކާ ހަމައަށް ކައުންސިލް އިންތިހާބު ފަސްކުރަން ސަރުކާރުން ވަނީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފައެވެ. "ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ހާއްސަ ބިލު 2020"އަށް އަމަލުކުރަން ފެށުމާއެކު އިންތިހާބަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންގެ ތެރޭގައި ހިމެނޭ ސިވިލް ސާވިސްގެ މުވައްޒަފުން ވަޒީފާއިން ސަސްޕެންޑްކޮށްފައި އޮތް އޮތުން ބާތިލުވާނެ ކަމަށް އެ ބިލުގައި ބުނެފައިވެއެވެ.

ސީއެސްސީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ކައުންސިލް އިންތިހާބު ފަސްކުރުމުގެ ސަބަބުން އިންތިހާބަށް ކުރިމަތިލީ މީހުންގެ ތެރެއިން ސަސްޕެންޑު ކުރެވިފައިވާ ސިވިލް ސާވިސްގެ މުވައްޒަފުންގެ ސަސްޕެންޝަންގެ މުއްދަތު އިތުރުވެގެންދާ ދިއުމަށް ހައްލެއް ގެނެވޭނެ ގޮތްތަކެއް ހޯދުމަށްޓަކައި އިލެކްޝަންސް ކޮމިޝަނާ މަޝްވަރާކުރުމަށް ނިންމާފައިވާ ކަމަށެވެ.

"ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމުގެ ސަބަބުން އިންތިހާބަށް ކުރިމަތިލެއްވި ފަރާތްތަކުގެ ތެރެއިން ސަސްޕެންޑު ކުރެވިފައިވާ ސިވިލް ސާވިސްގެ މުވައްޒަފުންނަށް ލިބެމުންދާ ގެއްލުންތަކަށް ގާނޫނީ ހައްލެއް ހޯދުމަށްޓަކައި މި މައްސަލަ ޝަރުއީ މަރުހަލާއަށް ހުށަހެޅުމަށް މި ކޮމިޝަނުން ނިންމާފައިވާ ކަމުގައި ދެންނެވީމެވެ..،" ސީއެސްސީގެ ބަޔާނުގައި ބުނެފައިވެއެވެ.

ސީއެސްސީގެ ބަޔާނުގައި ބުނީ އިންތިހާބަށް ކުރިމަތިލުމުން ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ގާނޫނުގެ ދަށުން މުސާރައާއި އިނާޔަތްތައް ނުލިބޭގޮތަށް ސަސްޕެންޑު ކުރެވިފައިވާ ސިވިލް ސާވިސްގެ މުވައްޒަފުންނަށް ކުރިއަށްއޮތް ރަމަޟާން މަހުގެ އިނާޔަތް ލިބިދިނުމާ ގުޅޭގޮތުން ފިނޭންސް މިނިސްޓްރީއާ މަޝްވަރާކުރަމުން އަންނަ ކަމަށެވެ.

އިންތިހާބު ފަސްކުރުމުގެ ސަބަބުން އިންތިހާބަށް ކުރިމަތިލާފައިވާ މީހުންގެ ތެރެއިން ސިވިލް ސާވިސް މުވައްޒަފުންގެ ސަސްޕެންޝަނުގެ މުއްދަތު އިތުރުވެގެންދިއުމުގެ ސަބަބުން އެމީހުންނަށް ނުހަނު ގެއްލުންތަކާއި ދަތިތައް ކުރިމަތިވެގެންދާތީ އެކަމާ މެދު ސީއެސްސީން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

ސީއެސްސީގެ ބަޔާނުގައި ބުނީ މަޖިލީހަށް ހުށަހަޅާފައިވާ ބިލު ފާސްކުރެވިގެންދާ އިރު، ދެން އިންތިހާބު ބޭއްވުމާ ހަމައަށް ފާއިތުވެގެންދާ މުއްދަތަށް އެ މުވައްޒަފުންގެ ހައްގުތައް ކަށަވަރުވާ ގޮތަށް ހައްލު ހޯދައިދިނުމަށާއި، ކައުންސިލް އިންތިހާބު ނުބޭއްވި ދިގުލައިގެންދާ ނަމަ، އެ މުވައްޒަފުންނަށް މުސާރައާއި އިނާޔަތްތައް ނުލިބި ގިނަ ދުވަސްވެގެންދާ ދިއުމަކީ އެ ކޮމިޝަނުން ކަންބޮޑުވާ ކަމެއްކަން ފާހަގަކޮށް މަޖިލީހަށް ސިޓީއެއް ފޮނުވާފައިވާނެ ކަމަށެވެ.

ލޯކަލް ކައުންސިލް އިންތިހާބާ ގުޅޭ ހާއްސަ ބިލުގައި ބުނެފައިވަނީ އަމަލުކުރަން ފެށުމާއެކު ސިވިލް ސާވިސް މުވައްޒަފުން ވަޒީފާއިން ސަސްޕެންޑުކޮށްފައި އޮތް އޮތުން ބާތިލުވެ، އެމީހުން ކުރިން ތިބި މަގާމުތަކަށް އަނބުރާ ރުޖޫއަވާނެ ކަމަށާއި ނަމަވެސް އެމީހުން ސިވިލް ސާވިސްގެ ވަޒީފާއަށް ރުޖޫއަވާ ހިސާބުން ފެށިގެން އަލުން ސަސްޕެންޑު ކުރެވެންދެން، ކެމްޕޭނުގެ އެއްވެސް ކަމެއްގައި ބައިވެރިނުވެވޭނެ ކަމަށެވެ.

ކައުންސިލް އިންތިހާބު ފަސްކުރާ ބިލު މިދިޔަ ހޯމަ ދުވަހު ބާއްވަން ތާވަލުކުރި ޖަލްސާއަށް އެޖެންޑާ ކުރި ނަމަވެސް، ފަހުން އެ ޖަލްސާ ވަނީ ކެންސަލްކޮށްފައެވެ. އެ ޖަލްސާ ކެންސަލްކުރީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ އެދިވަޑައިގެންނެވުމަށް ކަމަށް މަޖިލިސް އިދާރާއިން މައުލޫމާތުދެއެވެ.