ކޮވިޑް 19

މާލޭން ކޮވިޑް ޖެހުނު އަންހެން މީހާއާއި ތުއްތު ދަރިފުޅު ފަރުވާދޭން ބައިތިއްބާފައި ވަނީ އެކުގައި: މަބްރޫކް

މާލޭން ކޮވިޑް ޖެހުނު އަންހެން މީހާއާއި ތުއްތު ދަރިފުޅަށް ފަރުވާދޭން ބައިތިއްބާފައި ވަނީ އެކުގައި ކަމަށް ކޮވިޑުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވެއްޖެ އެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރުގައި، ބޭއްވި ނިއުސްކޮންފަރެންސްގައި މައުލޫމާތުދެއްވަމުން މަބުރޫކް ވިދާޅުވީ، އެ ދެމައިންނަށް ފަރުވާދެމުންދަނީ ފެރުކޮޅުފުށީ ފެސިލިޓީގައި ކަމަށެވެ. އަދި އެމީހުން އެހެން ފެސިލިޓީއަކަށް ބަދަލުކުރާވަރު ނުވާކަމަށް މަބްރޫކު ވިދާޅުވިއެވެ.

މާލެއިން އިއްޔެ އެންމެ ފުރަތަމަ ޕޮޒިޓިވްވި އަންހެންމީހާއަކީ، މ. ޖަރީމާގޭގައި ދިރިއުޅެމުންދިޔަ އަންހެނެކެވެ. ދެވަނައަށް ޕޮޒިޓިވްވީ އޭނާގެ ތުއްތު ދަރިފުޅެވެ. އަދި ތިންވަނައަށް ޕޮޒިޓިވްވި މީހާއަކީ އެ ދެމީހުންނާ ބައްދަލުވި މީހެކެވެ. މަބްރޫކު ވިދަޅުވީ، މިއަދާ ހަމައަށް އެމީހުންނާ ކޮންޓެކްޓްވި 200 އަށްވުރެ ގިނަ މީހުން ޓެސްޓް ކޮށްފައިވާ ކަމަށެވެ.

މިއަދުގެ ނިއުސްކޮންފަރެންސްގައި މައުލޫމާތުދެއްވަމުން އެޗްޕީއީގެ ޑޮކްޓަރު ޑރ. އިބްރާހީމް އަފްޒަލް ވިދާޅުވީ މާލޭން ފުރަތަމަ ކޮވިޑް 19އަށް ޕޮޒިޓިވްވި މީހާގެ ފިރިމީހާވެސް ޓެސްޓުކޮށްފައިވާ ކަމަށެވެ. އޭނާގެ ޓެސްޓުން ނެގެޓިވް ކަމަށް ދެއްކި ނަމަވެސް، އެއީ ޕީސީއާރު ޓެސްޓެއް ކަމަށާއި އަދި އޭނާގެ އެންޓިބޮޑީ ޓެސްޓެއް ހަދަންޖެހޭ ކަަމަށް އޭނާ ވިދަޅުވިއެވެ.

ޑރ. އަފްޒަލް ވިދާޅުވީ، އެންޓިބޮޑީ ޓެސްޓެއް ހަދަނީ އޭނާއަށް އެބަލި ޖެހިފައި ފަސޭހަވެފައި ހުރިތޯ ބަލަން ކަމަށާއި އަދި ބަލިޖެހި އެބަލި ހުރިކަން ނޭނގި، އެބަލި އޭނާގެ ފަރާތުން އެހެން މީހުންގެ ގަޔަށް އަރާގޮތަށްވެސް ހުރެދާނެ ކަަމަށެވެ. ނަމަވެސް އެންޓިބޮޑީ ޓެސްޓުން އެކަން އެނގޭނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.