ކޮވިޑް ޖެހިފައި ވަނިކޮށް މާލޭން ފެނުނު ފުރަތަމަ މީހާ (ކޭސް 21) ގެ ފިރިމީހާއަށް ކުރީން ބަލި ޖެހި ރަނގަޅުވެފައިތޯ ބަލާނެ ކަމަށާއި އަދި އިތުރު ޓެސްޓުތައް ވެސް ހަދާނެ ކަމަށް ޑރ. އިބްރާހީމް އަފްޒަލު ވިދާޅުވެއްޖެ އެވެ.
ކޮވިޑް 19ގެ މައުލޫމާތުދިނުމަށް ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓްރު (އެންއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ޑރ. އަފްޒަލް ވިދާޅުވީ، މާލެއިން އިއްޔެ ކޮވިޑް 19އަށް ޕޮޒިޓިވްވި އަންހެން މީހާއާއި ޑައިރެކްޓް ކޮންޓެކްޓްވެގެން އިއްޔެ ސާމްޕަލް ނެގި 11 މީހުންގެ ތެރޭގައި ހިމެނޭ އޭނާގެ ފިރިމީހާގެ ފުރަތަމަ ޓެސްޓް ނެގެޓިވްވެފައިވާ ކަމަށާއި، ނަމަވެސް އޭނާގެ އިތުރު ޓެސްޓުތަކެއް ހަދާނެ ކަމަށެވެ.
"ފިރިމީހާގެ ޓެސްޓަށް ބަލާއިރު މިހާރު ޕީސީއާރް ޓެސްޓަކުން މި ނެގެޓުވްވީ. އަދި އަޅުގަނޑުމެން ކުރާނެ އޭނަގެ އެންޓިބޮޑީ ޓެސްޓެއްވެސް. އޭގެން އަޅުގަނޑުމެން ބަލަން ބޭނުންވަނީ މިހާރު އޭނަ އެހުރީ ބަލިން ރަނގަޅުވަތޯ ނުވަތަ ނޫންތޯ." ޑރ. އަފްޒަލް ވިދާޅުވިއެވެ.
މީގެ އިތުރުން ޑރ. އަފްޒަލް ވިދާޅުވީ، ފިރިމީހާއަށް ބަލި ޖެހި ރަނގަޅުވެފައިވާ ކަމަށްވެސް ބެލެވޭ ކަމަށާއި، އަދި އޭނާއަށް ބަލި ޖެހިފައި ނުވިނަމަވެސް ބަލީގެ ލޯޑު އެހާ މައްޗަށް ނުދަނީ ޕީސީއާރު ޓެސްޓުން ނެގެޓިވްވުމުން ކަމަށް ވެސް އެކަށީގެންވާ ކަމަށެވެ.
ޑރ. އަފްޒަލް ވިދާޅުވީ، 14 ދުވަސް އޭނާގެ ކިބައިން އެއްވެސް އަލާމާތެއް ފެނޭތޯ ބަލާނެ ކަމަށާއި ޓެގުން ނިންމާފައިވަނީ އޭނާގެ އިތުރު ސާމްޕަލްތައްވެސް ނެގުމަށް ކަމަށެވެ.
މާލެއިން އިއްޔެ ވަނީ ކޮވިޑް 19އަށް ދިވެހި އަންހެނަކާއި އޭނާގެ ދެ އަހަރު ނުވާ ތުއްތު ދަރިފުޅު ޕޮޒިޓިވްވެފައެވެ. އަދި ރޭ ދަންވަރުގެ ވަގުތެއްގައިވަނީ އިތުރު ދިވެއްސަކު ބައްޔަށް ޕޮޒިޓިވްވެފައެވެ.