ކޮވިޑް 19

ކޭސް 21 އާ ބައްދަލުވި 200 އަށްވުރެ ގިނަ މީހުން މިހާތަނަށް ވަނީ ހޯދިފައި، މިއީ ގިނަ އަދަދެއް: މަބްރޫކް

ކޮވިޑް 19 ޖެހިފައި ވަނިކޮށް މާލެ ތެރޭން ފެނުނު ފުރަތަމަ މީހާ (ކޭސް 21)އާ ބައްދަލުވި 200 އަށްވުރެ ގިނަ މީހުން މިހާތަނަށް ހޯދިފައިވާ ކަމަށާއި މިއީ ވަރަށް ގިނަ އަދަދެއް ކަމަށް ކޮވިޑުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވެއްޖެ އެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރުގައި، ބޭއްވި ނިއުސްކޮންފަރެންސްގައި ކޮވިޑް 19 އަށް މާލެއިން ޕޮޒިޓިވްވި މީހުންނާ ބެހޭގޮތުން މައުލޫމާތުދެއްވަމުން މަބުރޫކް ވިދާޅުވީ، ބުދަ ދުވަހު މާލެއިން ކޮވިޑް 19 އަށް ފުރަތަމަ ޕޮޒިޓިވްވި އަންހެން މީހާ (ކޭސް 21) އާއި ދެވަނައަށް ޕޮޒިޓިވްވި ކޭސް 21 ގެ ތުއްތު ދަރިފުޅު (ކޭސް 22)އާ ކޮންޓެކްޓްވި، 207 މީހުން މިހާތަނަށް ފާހަގަކުރެވިފައިވާ ކަމަށެވެ.

މަބްރޫކު ވިދާޅުވީ، ކޮވިޑް 19 އަށް މާލޭން ޕޮޒިޓިވްވި ތިންވަނަ މީހާ، (ކޭސް 23) އަކީ ކޭސް 21 އާއި 22 އާ ޑައިރެކްޓް ކޮންޓެކްޓުވި މީހެއް ކަމަށެވެ. އެމީހުންނާ ކޮންޓެކްޓްވި މީހުންގެ ތެރެއިން 75 މީހުންނަކީ ހައިރިސްކް މީހުން އަދި 43 މީހުންނަކީ މީޑިއަމް ރިސްކު މީހުން ކަމަށާއި ލޯ ރިސްކް މީހުންގެ ގޮތުގައި 89 މީހަކު ފާހަގަކުރެވިފައިވާ ކަމަށް މަބްރޫކު ވިދާޅުވިއެވެ.

މާލޭން ކޮވިޑް 19އަށް ޕޮޒިޓިވްވި ތިންވަނަ މީހާ (ކޭސް 23) އަށް ކޮންޓެކްޓްވެގެން މިހާތަނާށް 35 މީހުން ޓެސްޓްކޮށްފައިވާ ކަމަށާއި، އޭގެ ތެރޭގައި ހައިރިސްކު ހަތް މީހުންނާއި މީޑިއަމްރިސްކް 28 މީހުން ހިމެނޭ ކަމަށެވެ. އަދި މިހާރު ކަންތައްދާގޮތަށް ބަލައި އެ އަދަދުތައް ކުރިއަށް އޮތްތަނުގައި އިތުރުވެގެންދާނެ ކަމަށް ލަފާކުރެވޭ ކަމަަށްވެސް މަބްރޫކު ވިދާޅުވިއެވެ.

މަބްރޫކު ވިދާޅުވީ އެންމެ ފަސް ދުވަހަށް ބަލާއިރު އެމީހުންނާ ކޮންޓެކްޓްވެފައިވާ މީހުން 200 އަށްވުރެ ގިނަވުމަކީ ކުޑަ މުއްދަތެއްގައި ބޮޑު އަދަދެއް ކަަމަށެވެ.

ކުރު މުއްދަތެއްގައި އެހާ ގިނަ ބަޔަކާ އެމީހާ ކޮންޓެކްޓް ވެފައިވަނީ، ޕާޓީ ބޭއްވުމާއި، މަސްދަތުރު ދިއުމާއި، ދަންނަ ގޭގެއަށް ޒިޔާރަތް ކުރުމާއި، ސައިކަލު ބުރު ޖެހުން ފަދަ ކަންކަން ކޮށްފައިވާތީ ކަމަށް މަބްރޫކު ވިދާޅުވިއެވެ.

"މިކަމުގައި ފާހަގަކޮށްލެވޭ ބޮޑެތި މޫވްމެންޓްތައް އެބަހުރި، އަޅުގަނޑުމެންނަށް ފާހަގަކުރެވިފައި. މިސާލަކަށް ޕާޓީ ބޭއްވުން، މަސްދަތުރު ދިއުން، ދަންނަ ގޭގެއަށް ޒިޔާރަތްރުން، އަދި ހަަމަ ބުރުޖެހުން ކަންކަން ފާހަގަކުރެވިފައި އެބަހުރި،" މަބްރޫކު ވިދާޅުވިއެވެ.

މަބުރޫކް ވިދާޅުވީ މި މީހުންގެ ތެރެއިން ހައި ރިސްކު މީހުންނާއި މީޑިއަމްރިސްކު މީހުންނާ މެދު އަމަލު ކުރަނީ އެއްގޮތަށް ކަމަށެވެ. އެހެންކަމުން އެ ދެބައިމީހުންވެސް ކަރަންޓީން ކޮށްފައިވާ ކަަމަށާއި އޭގެ ތެރެއިން ރޯގާގެ އަލާމަތް ފެންނަ މީހުން ހުޅުލޭ އައިސޮލޭޝަން ފެސިލިޓީއަށް ގެންދާނެ ކަމަށް މަބްރޫކު ވިދާޅުވިއެވެ.

ކޮވިޑް 19 އަށް ޕޮސިޓިވްވެގެން ފަސް މީހުންނަށް ރާއްޖޭގައި ފަރުވާދެމުން އަންނަ އިރު، އޭގެ ތެރެއިން މާލޭން ޕޮޒިޓިވްވި ތިން މީހުންގެ އިތުރުން ދެން ތިބި ދެމީހުންނަކީ ރާއްޖޭން ބޭރުން އައި ދެ ދިވެހިންނެވެ.

ރާއްޖޭން ކޮވިޑް 19 އަށް ޕޮޒިޓިވްވި 16 މީހަކު ފަރުވާ ހޯދައިގެން މިހާތަނަށް ވަނީ ރަނގަޅުވެފައެވެ.