ކޮންޓެކްޓް ޓްރޭސިންގައި ކުރާ ސުވާލުތަކަށް ސައްހަ މައުލޫމާތު ދިނުމަށް ޑރ. އިބްރާހިމް އަފްޒަލް އެދިވަޑައިގެންފި އެވެ.
ކޮވިޑް 19ގެ މައުލޫމާތު ދިނުމަށް ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓްރު (އެންއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ޑރ. އަފްޒަލް ވިދާޅުވީ، ކޮންޓެކްޓް ޓްރޭސިންގައި ސުވާލުކުރާ މީހުންގެ ސައްހަ މައުލޫމާތު ދިނުމަށް އިލްތިމާސްކުރާކަމަށާއި، މިވަގުތު ދޮގު ހަދައިގެން ނުވަތަ ކަމެއް އޮޅުވާލައިގެން އެއްވެސް މީހަކަށް ފައިދާއެއް ނުކުރާނެ ކަމަށެވެ.
"އަޅުގަނޑުމެން މިވަގުތު މިބަލަކީ ކޮންޓެކްޓް ވި މީހަކާ ވާހަކަ ދައްކައިގެން އޭނަގެ ކިބައިން އެ މައުލޫމާތު ހޯދަން. ބައެއް ފަހަރު އެމީހަކު ބުނާ އެއްޗަކުން އިތުރު ސުވާލަށްވެސް ފުރުސަތު ހުޅުވިގެންދާނެ. އެހެންކަމުން ސައްހަ މައުލޫމާތު ފޯރުކޮށްދިނުމަކީ ވަރަށް ބޮޑު އެދުމެއް" ޑރ. އަފްޒަލް ވިދާޅުވިއެވެ.
ޑރ. އަފްޒަލް ވިދާޅުވީ، މާލެއިން އިއްޔެ ކޮވިޑް 19އަށް ޕޮޒިޓިވްވި ދިވެހި އަންހެން މީހާއަަށް ބަލި ޖެހުނީ ކިހިނެއްތޯ ބެލުމަށް ކުރެވޭ މަސައްކަތަށް މާ ބޮޑު ކުރިއެރުމެއް ލިބިފައި ނުވާ ކަމަށާއި، ނަމަވެސް ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ބާރަށް ކުރަމުން އަންނަ ކަމަށެވެ.
މީގެ އިތުރުން މާލެ ލޮކްޑައުންގެ ހާލަތުން ނެގުމާއެކު އެކްޓިވް ސާވަލެންސިންގެ މަސައްކަތް ކުރިއަށްދާނެ ކަމަށް ޑރ. އަފްޒަލް ވިދާޅުވިއެވެ.
ކޮވިޑް 19 ޖެހިފައި ހުރި މީހަކު މާލެ ތެރޭން އިއްޔެ އަލަށް ފެނިފައިވާ އިރު، އޭނާއާ ސީދާ ބައްދަލުވި އިތުރު ދެ މީހުންނާ އެކު ފާއިތުވި 24 ގަޑި އިރު ތެރޭ މާލޭން ވަނީ ބަލި ޖެހުނު 3 މީހުން ފެނިފަ އެވެ. މީގެ ތެރޭގައި ކޭސް 21 ގެ ދެ އަހަރު ނުފުރޭ ދަރިފުޅުވެސް ހިމެނެ އެވެ.