އެންމެންވެސް މިހާލަތުގައި ރެޔާއި ދުވާލު މަސައްކަތް ކުރަމުން މި އަންނަނީ ކޮވިޑުން ރައްޔިތުން ރައްކާތެރިކުރުމަށް ކަމަށާއި މި ވަގުތު ބައެއް ކަންކަން ލަސްވިޔަސް ރައްޔިތުން ކެތްތެރިވެދެއްވުމަށް ޑރ. އިބްރާހީމް އަފްޒަލް އިލްތިމާސް ކުރައްވައިފި އެވެ.
ކޮވިޑް 19ގެ މައުލޫމާތުދިނުމަށް ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)ގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުުމުގައި ޑރ. އަފްޒަލް ވިދާޅުވީ، ކޮވިޑް19 އިން ރައްކާތެރިވުމަށް ރެއާ ދުވާލު ކެނޑިނޭޅި މަސައްކަތް ކުރަމުން އަންނައިރު ބައެއް ކަންކަމުގައި ލަސްކަމެއް އަންނާނެ ކަމަށާއި ނަމަވެސް މިވަގުތަށް މުހިންމީ ކެތްތެރިކަން އިސްކުރުން ކަމަށެވެ.
"ކޮންޓެކްޓްކުރުމުގައި އަންނަ ލަސްތަކެއް އަންނާނެ. އެކަންތައްތަކަށް ތިބޭފުޅުން (ރައްޔިތުން)ވެސް ޖެހޭނެ ވިސްނަން. ކޮންމެވެސް ވަރެއްގެ ކެތްތެރިކަމެއް އިހްތިޔާރު ކުރަން،" ޑރ. އަފްޒަލް ވިދާޅުވިއެވެ.
ޑރ. އަފްޒަލް ވިދާޅުވީ، ރާއްޖެ މިިހާރު މިއޮތީ މުޅިން އެހެން ހާލަތެއްގައި ކަމަށާއި، އެހެންކަމުން ސަރުކާރާއި ސިއްހީ އިދާރާތަކުން މި ހާލަތުގައި އަޅަމުން އަންނަ އެންމެހާ ފިޔަވަޅުތަކަށް ބޯލަނބައި ކިޔަމަންތެރިވާން ޖެހޭ ކަމަށެވެ. އަދި މިވަގުތަކީ އެއްބައިވަންތަކަން އިސްކުރަންވީ ވަގުތު ކަމަށާއި، ކޮވިޑް 19ގެ ހާލަތުން އަރައިގަނެވޭނީ އެންމެން އެކުގައި މަސައްކަތްކޮށްގެން ކަމަށްވެސް ޑރ. އަފްޒަލް ވިދާޅުވިއެވެ.
މީގެ އިތުރުން ޑރ. އަފްޒަލް ވަނީ، އިއްޔެ މާލެއިން ކޮވިޑް 19އަށް ޕޮޒިޓިވްވި މީހުންނާ ބައްދަލުވި މީހެއް ފާހަގަނުވެ ހުރި ނަމަވެސް އަމިއްލައަށް ލަސްނުކޮށް އެކަން ރިޕޯޓް ކުރުން އެދިވަޑައިގެންފައެވެ.