އަލީ ޔާމިން
މާލޭން ކޮވިޑް 19 ޖެހުނު ފުރަތަމަ އަންހެން މީހާ (ކޭސް 21) އަށް އެ ބަލި ޖެހުނު ގޮތް ދެނެގަންނަން ގިނަ ވަގުތު ނަގަނީ އަދި އުނދަގޫވާ އެއް ސަބަބަކީ އޭނާއާ ބައްދަލުވިމީހުން ގިނަކަމުން ކަމަށް ޑރ. އިބްރާހީމް އަފްޒަލް ވިދާޅުވެއްޖެ އެވެ.
ކޮވިޑް 19ގެ މައުލޫމާތުދިނުމަށް ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)ގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. އަފްޒަލް ވިދާޅުވީ، މާލެއިން އިއްޔެ ޕޮޒިޓިވްވި މީހާއާ ކޮންޓެކްޓްވި 207 މީހަކު މިހާތަނަށް ހޯދިފައިވާ ކަމަށެވެ. އަދި އެމީހާ ކޮންޓެކްޓްވި މީހުންގެ އަދަދު ގިނަވުމަކީ އޭނާއަށް ބަލި ޖެހުނު ގޮތް ހޯދުމަށް އޮތް ހުރަހެއްކަމަށްވެސް ޑރ. އަފްޒަލް ވިދާޅުވިއެވެ.
"އިންޑެކްސް ކޭސް ހޯދުމުގެ މަސައްކަތްތައްވެސް ވަރަށް އުނދަގޫ. އެއް ސަބަބަކަށް ވަނީ އެހާ ގިނަ ކޮންޓެކްޓްތައް ތިބީމަ. ވަރަށް ބޮޑަށް ގޮފިތައް ފަޅައިގެންގޮސްފައިވާ ކޮންޓެކްޓް ޓްރޭސިންއެއް އެއީ. ހަމަ އޭނާއަށް ބަލި އައީ ކޮން ގޮތަކުންތޯ ބަލާއިރުވެސް އަޅުގަނޑުމެން އެބަޖެހޭ ވަރަށް ގިނަ ބަޔަކު އެކްސްކްލޫޑް ކުރަން،" ޑރ. ވިދާޅުވިއެވެ.
މީގެ އިތުރުން ޑރ. އަފްޒަލް ވިދާޅުވީ، ދިވެހިންގެ ދިރިއުޅުމުގެ ވައްޓަފާޅިއަށް ބަދަލުގެންނަން ޖެހޭ ކަމަށާއި އެގޮތުން މިދުވަސްވަރު އާންމުންގެ ތެރޭގައި އެއްވެއުޅުމާއި، ބުރުޖަހަން ދިއުމާއި، ދަތުރުތައް ދިއުން ރާއްޖޭގެ ހުރިހާ ހިސާބެއްގައިވެސް މަޑުޖައްސާލަން ޖެހޭ ކަމަށެވެ.
މާލެއިން ފުރަތަމަ ބައްޔަށް ޕޮޒިޓިވްވި މީހާއަށް އެ ބަލި ޖެހުނީ ކާކުގެ ފަރާތުންކަން އަދި މިހާތަނަށް ހޯދިފައެއް ނުވެއެވެ. މާލެއިން އިއްޔެ ބައްޔަށް ޕޮޒިޓިވްވި އެންމެންނަށްވެސް އަންނަނީ ފަރުކޮޅުފުށީގައި ފަރުވާދެމުންނެވެ. ހެލްތު ޕްރޮޓެކްޝަން އެޖެންސީން ވަނީ އެ އެންމެންގެ ހާލުވެސް ރަނގަޅުކަމަށް ބުނެފައެވެ.