މާލޭ ސަރަހައްދަށަ އިއްޔެ އިއުލާނުކުރި ލޮކްޑައުންގެ މުއްދަތު 24 ގަޑިއިރަށް އިތުރުކޮށްފި އެވެ.
މާލެއިން ކޮވިޑް 19 ޖެހިފައިވާ ފުރަތަމަ މީހާ ފެނުމާ ގުޅިގެން އެމީހާގެ ކޮންޓެކްޓު ޓްރޭސިން ހަދާ ނިމެންދެން މާލެ ސަރަހައްދަށް 24 ގަޑިއިރުގެ ލޮކްޑައުންގެ ހާލަތު އިއުލާންކުރީ އިއްޔެ މެންދުރު 2:30 ގައެވެ.
އެ ވަގުތު ހަމަވާން ކައިރިވެފައި ވަނިކޮށް ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ސޮއިކުރައްވާ އެޗްޕީއޭ އިން މިއަދު ނެރުނު އެންގުމެއްގައި ބުނެފައިވަނީ އިއްޔެ އިއުލާންކުރި ލޮކްޑައުންގެ މުއްދަތު އިތުރު 24 ގަޑިއިރަށް އިތުރުކުރުމަށް ނިންމާފައިވާ ކަމަށެވެ.
އެޗްޕީއޭ އިން ބުނާ ގޮތުގައި މާލެއިން ފެނުނު ފުރަތަމަ ޕޮޒިޓިވް ކޭސްއަކީ ފަހުގެ ތާރީހެއްގައި ރާއްޖޭން ބޭރަށް ދަތުރުކޮށްފައި ނުވާ މީހެކެވެ. އެހެންކަމުން އޭނާއަށް ބަލި ޖެހުނު ގޮތް ހޯދުމަށާއި ކޮންޓެކްޓު ޓްރޭސިންގެ މަސައްކަތް ދަނީ ކުރަމުންނެވެ.
އެގޮތުން އޭނާއާ ސީދާ ބައްދަލުވި 11 މީހެއްގެ ސާމްޕަލް އިއްޔެ ވަނީ ނަގައިފައެވެ. އެއީ އޭނާއާއެކު އެއް ގެއެއްގައި ދިރިއުޅޭ މީހުންގެއެވެ. އޭގެ ތެރެއިން 10 މީހެއްގެ ސާމްޕަލް ނެގެޓިވްވިއިރު ފުރަތަމަ މީހާގެ ދެ އަހަރު ނުފުރޭ ދަރިފުޅު ވަނީ ބައްޔަށް ޕޮޒިޓިވް ވެފައެވެ. އަދި ފުރަތަމަ މީހާއާ ސީދާ ބައްދަލުވެފައިވާ އިތުރު މީހަކު އިއްޔެ ވަނީ ކޮވިޑް 19 އަށް ޕޮޒިޓިވްވެފައެވެ.
އޭގެ އިތުރުން މާލެއިން ޕޮޒިޓިވްވި ފުރަތަމަ މީހާއާ ބައްދަލުވި 14 މީހެއްގެ ފަރާތުން އަލާމާތްތައް ފެނިގެން ވަނީ އެކަހެރިކޮށްފައެވެ.
މާލެ ތެރޭން ކޮވިޑް ފެނުމުން މި ބަލި މުޖުތަމައު ތެރެއަށް ފެތުރިފައިވާ ކަމަށް ނުވަތަ ކޮމިއުނިޓީ ސްޕްރެޑަކަށް ވެފައިވާ ކަމަށް ވަނީ ކަނޑައަޅައިފައެވެ. އަދި މާލޭގެ އެލާޓް ލެވެލް ވެސް ވަނީ ރަތަށް ބަދަލުކޮށްފައެވެ.