ދުނިޔެ

ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަކޮށް ދެކުނު ކޮރެއާގައި ބޭއްވި އިންތިހާބު ވެރިކަންކުރާ ޕާޓީ ކާމިޔާބު ކޮށްފި

ދެކުނު ކޮރެއާގައި ބޭއްވި މަޖިލިސް އިންތިހާބު އެގައުމުގެ ވެރިކަން ކުރާ ޕާޓީން ކާމިޔާބު ކޮށްފިއެވެ.

ކޮވިޑް19ގެ ވަބާ ފެތުރެމުންދާ މި ދަނޑިވަޅުގައި އިންތިހާބެއް ބޭއްވި ފުރަތަމަ ގައުމު، ދެކުނު ކޮރެއާއިން އެކަން ކުރީ ވަރަށް ބޮޑަށް ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައިގެންނެވެ. އެގޮތުން ވޯޓުލާން ދިޔަ މީހުން މާސްކު އަޅައިގެން ތިބި އިރު ކިޔުގައި އެންމެންވެސް ތިބެން ޖެހުނީ އެއްމީޓަރުގެ ދުރުމިނުގައެވެ. ވޯޓުލާންދިޔަ ކޮންމެ މީހެއްގެ ޓެމްޕެރޭޗަރު ބަލާފައިވާއިރު ވޯޓުލުމުގެ ކުރިން ސެނިޓައިޒަރުން އަތް ސާފުކޮށް ޕްލާސްޓިކް އަންގި ލެއްވިއެވެ. އަދި 37.5 ޑިގްރީ ސެލްސިއަސްއަށް ވުރެ ޓެމްޕަރޭޗާ މަތި މީހުން ވޯޓު ވަކި ބޫތަކަށް ލީއިރު ބައްޔަށް ޝައްކު ކުރެވޭ މީހުންނާއި ބަލި ޖެހިފައިވާ މީހުނަށްވެސް ވޯޓު ލެވޭ ގޮތަށް އިންތިޒާމުތައް ހަމަޖައްސާފައި ހުއްޓެވެ.

މިހާތަނަށް ވޯޓުލި އެންމެންގެ ވޯޓުތައް ގުނާފައިވާއިރު ވެރިކަން ކުރާ ޑިމޮކްރެޓިކް ޕާޓީއަށް ވަނީ 300 ގޮޑީގެ ތެރެއިން 163 ގޮނޑި ކާމިޔާބުވެފައެވެ. އެޕާޓީއާ ގުޅިފައިވާ ޕްލެޓްފޯމް ޕާޓީއަށް 17 ގޮނޑި ލިބުމުން ސަރުކާރަށް 180 ގޮނޑި ކާމިޔާބުވެފައިވާ ކަމަށް ވަނީ ބުނެފައެވެ.

އެންމެ ވާދަވެރިކޮށް ބައިވެރިވި އިދިކޮޅު ޔުނައިޓެޑް ފިއުޗާ ޕާޓީއަށް 103 ގޮނޑި ލިބޭނެކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ.

މިއަހަރުގެ ޖެނުއަރީގައި ދެކުނު ކޮރެއާގެ ރައީސް މޫން ޖައެ އިން އަށް އޮތް ސަޕޯޓު ވަނީ އެގައުމުގެ އިގްތިސާދު ކުރިނާރާތީއާއި، އުތުރު ކޮރެއާއާއެކު އޮންނަ ގުޅުން ބަދަހި ނުވާތީ އާއި އެކި ކަހަލަ ސިޔާސީ ހަލަބޮލިކަމުގެ ސަބަބުން ދަށްވެގެންގޮސްފައެވެ.

ނަމަވެސް ކޮވިޑް19އިން ގައުމު ރައްކާތެރިކުރުމަށް އެޅި މުހިންމު އަދި ހަރުދަނާ ފިޔަވަޅުތަކުގެ ސަބަބުން ބަލި ކޮންޓްރޯލު ކުރެވުނެވެ. އެހެންކަމުން ސަރުކާރުގެ ކެމްޕެއިން ބިނާކޮށްފައި ވަނީވެސް ކޮވިޑް19 އިން ގައުމު ސަލާމަތްކުރުމަށް ކުރި މަސައްކަތްތަކުގެ މައްޗަށެވެ.

އޭގެ ސަބަބުން ދެކުނު ކޮރެއާގައި 1987އަށް ފަހު މަޖިލީހުގެ އަގުލަބިއްޔަތު ސަރުކާރުގެ މައި ޕާޓީ ކާމިޔާބު ކުރި ފުރަތަމަ ފަހަރަށް މި އިންތިހާބު ވަނީ ވެގެން ގޮސްފައެވެ. އިންތިހާބުގައި 35 ޕާޓީ އަކުން ވަނީ ވާދަކޮށްފައެވެ.